ރެފަރެންޑަމް ހުއްޓުވައިދޭން ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ރައްޔިތުންގެ ހިޔާލު ހޯދުމަށް އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ފެންނަ ނުފެންނަ ވޯޓު ހުއްޓުވައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައިގެ އަޑުއެހުންތައް އެ ކޯޓުން މިއަދު ނިންމާލައިފި އެވެ.
ގާނޫނީ ވަކީލުން ކަމަށްވާ އިބްރާހިމް ޝިޔާމް އާއި އައިކު އަހުމަދު އީސާ ހުށަހެޅުއްވި މި މައްސަލައަކީ ރައީސް އޮފީހާއި، އެޓާނީ ޖެނެރަލްގެ އޮފީސް އަދި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލައެކެވެ. މި މައްސަލައިގައި ބުނެފައިވަނީ ރައްޔިތުންގެ ހިޔާލު ހޯދުމަށް ނެރެފައިވާ ރައީސުލްޖުމްހޫރިއްޔާގެ ގަރާރާއި އިލެކްޝަންސް ކޮމިޝަނުގެ އިއުލާނުގައިވާ ސުވާލަކީ ގާނޫނުއަސާސީގައި ބަޔާންކުރާ އުސޫލުތަކުގެ ބޭރުން ފަރުމާކޮށްފައިވާ ސުވާލެއް ކަމަށެވެ.
ޝަރީއަތުގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން ވަކީލު ޝިޔާމް ވިދާޅުވީ، ރައްޔިތުންގެ ކުރިމައްޗަށް ހުށަހަޅާ ސުވާލަކީ ވަރަށް ސާފު ސީދާ ސުވާލަކަށް ވާންޖެހޭނެ ކަމަށެވެ. "ރައްޔިތުންނަށް ސާފުވާން އެބަޖެހޭ ސުވާލެއް ރައްޔިތުންގެ ކުރިމައްޗަށް އަންނައިރު މި ސުވާލަކީ ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ ށ. ގެ ދެވަނަ ނަންބަރުގެ ދަށުން މި ވަނީ ކީއްކަން ރައްޔިތުންނަށް ސުވާލުން ސާފުވާން ޖެހޭ،" ޝިޔާމް ވިދާޅުވި އެވެ. އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި މި ބަދަލުގެ ސަބަބުން މަޖިލީހުގެ އުމުރު ކުރުވާކަން ސުވާލުން އެނގެން އޮންނަން ޖެހޭނެ އެވެ.
މި މައްސަލަ ބައްލަވަނީ ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ. އޭގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނާއި، ފަނޑިޔާރު އަލީ ރަޝީދު ހުސައިން، ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް، ފަނޑިޔާރު އަބްދުﷲ ހަމީދު އަދި ފަނޑިޔާރު ހުސައިން ޝަހީދު އެވެ. މީގެ ތެރެއިން ތިން ފަނޑިޔާރުން ސުޕްރީމް ކޯޓަށް އައްޔަނުކުރެއްވީ ރައީސް މުއިއްޒު އެވެ.
މައްސަލައިގެ އަޑުއެހުންތައް ނިންމާލައްވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ ދެން އޮންނާނީ މައްސަލައިގައި ގޮތެއް ނިންމުން ކަމަށެވެ. ނަމަވެސް ހުކުމް ކުރާނެ ވަކި ތާރީހެއް އިއުލާނެއް ނުކުރައްވަ އެވެ. އަދި މައްސަލަ ދިރާސާކުރާއިރު އިތުރަށް ސާފުކުރަންޖެހޭ ކަމެއް އޮތް ނަމަ އިތުރު އަޑުއެހުމެއް ބޭއްވުމުގެ ފުރުސަތު އޮންނާނެ ކަމަށްވެސް ރިޔާސަތުން ފާހަގަކުރެއްވި އެވެ.






ރިއެކްޓް