ސިޔާސީ , ޚަބަރު

ފެންނަ ނުފެންނަ ވޯޓާ ގުޅޭ ދުސްތޫރީ މައްސަލައިގެ ޝަރީއަތް މާދަމާ ފަށަނީ

25 މާރިޗު 2026 - 18:47
ފެންނަ ނުފެންނަ ވޯޓާ ގުޅޭ ދުސްތޫރީ މައްސަލައިގެ ޝަރީއަތް މާދަމާ ފަށަނީ

ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓާ ގުޅޭގޮތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލަ އެ ކޯޓުން ބަލައިގަނެ، މައްސަލައިގެ ޝަރީއަތް މާދަމާ ފެށުމަށް ތާވަލުކޮށްފިއެވެ.

މި މައްސަލައަކީ ފެންނަ ނުފެންނަ ވޯޓުގައި އަހާ ސުވާލު ފަރުމާކޮށްފައިވަނީ ގާނޫނުއަސާސީގެ މާއްދާތަކުގެ އިމުގެ ބޭރުން ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެކެވެ.

ސުޕްރީމް ކޯޓަށް ހުށަހެޅި ދައުވާ ފޯމުގައި ބުނެފައިވަނީ، ހިޔާލު ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ނެރުއްވާފައިވާ ގަރާރާއި އިލެކްޝަންސް ކޮމިޝަނުން ކޮށްފައިވާ އިއުލާނުގައިވާ ސުވާލަކީ ގާނޫނުއަސާސީއަށް ގެނެވޭ ހަގީގީ ބަދަލު ރައްޔިތުންނަށް ވަންހަނާވާ ގޮތަށް ފަރުމާކޮށްފައިވާ ސުވާލެއް ކަމަށެވެ. އަދި މުޅި ބިލު ތަސްދީގުކުރުމަށް ފެންނަަނުފެންނަ ވޯޓެއް އެހުމަކީ ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) އިން ލާޒިމުކުރާ އުސޫލުތަކާ ހިލާފު ކަމެއް ކަމަށް ދައުވާގައި ފާހަގަކޮށްފައިވެއެވެ.

"މުޅި ބިލު ތަސްދީގުކުރުމަށް ފެނޭތޯ އެހުމަކީ، ގާނޫނުއަސާސިއަށް ގެނެވޭ ހަގީގީ ބަދަލު ރައްޔިތުންނަށް ވަންހަނާ ވެގެންދާނޭ ގޮތަށް ފަރުމާކޮށްފައިވާ ސުވާލެއް. މި ސުވާލަކީ ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) އިން ލާޒިމުކުރާ އުސޫލުތަކުގެ ތެރެއިން ފަރުމާކޮށްފައިވާ ސުވާލަކަށް ނުވާތީ، އެ ސުވާލުގެ މައްޗަށް ބިނާކޮށް އެޕްރީލް 4، 2026 ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ބާއްވައިގެން ނުވާނެ ކަމަށް ކަނޑައަޅުއްވައި ދެއްވުން އެދި މައްސަލަ ހުށަހަޅަން،" ދައުވާގައި ބުނެފައިވެއެވެ.

މީގެ އިތުރުން، ދެ އިންތިހާބު އެއްކޮށްލުމާ ގުޅޭގޮތުން މަޖިލީހުން ފާސްކުރި ބިލު ރައީސުލްޖުމްހޫރިއްޔާއަށް ފޮނުއްވިތާ 15 ދުވަސްވީއިރު ވެސް ތަސްދީގު ކުރުމާ މެދު ގޮތެއް ނިންމާފައިނުވާތީ، އެ ބިލަކީ މިހާރު ބާތިލްވެފައިވާ ބިލެއް ކަމަށް ކަނޑައަޅައިދިނުމަށް ވެސް ވަނީ އެދިފައެވެ. ނަމަވެސް ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ކުރިން ނިންމަވާފައިވަނީ ބިލު ތަސްދީގު ނުކުރަން ރައީސް ނިންމެވި ކަމަށް އެނގެން ނެތުމުން އެ ބައި ބަލައިނުގަތުމަށެވެ.

މި މައްސަލައިގެ އިތުރުން، އިދިކޮޅު އެމްޑީޕީން ވެސް ވަނީ ފެންނަ ނުފެންނަ ވޯޓާ ގުޅޭ މައްސަލަތަކެއް ހައި ކޯޓަށް ހުށަހަޅާފައެވެ. އެ މައްސަލާގައި ވޯޓު ހުއްޓުވުމުގެ ވަގުތީ އަމުރަކަށް އެދިފައިވީ ނަމަވެސް، ހައި ކޯޓުން އެ މައްސަލަތައް ބަލައިގަތުމާ މެދު އަދި ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0