ފެންނަ ނުފެންނަ ވޯޓު ނެގުން ހުއްޓުވަން ހުށަހެޅި މައްސަލަ ބަލައިނުގަތް
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ނަގަން ނިންމާފައިވާ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނެގުން ހުއްޓުވަން މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސެއިން ހުށަހެޅުއްވި މައްސަލަ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުން ނިންމައިފި އެވެ.
އަލީ ހުސެއިން ސުޕްރީމް ކޯޓަށް މި މައްސަލަ ހުށަހެޅުއްވީ ދެ އިންތިހާބު އެއްކޮށްލުމާ ގުޅޭގޮތުން މަޖިލީހުން ފާސްކުރި ބިލް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ފޮނުއްވިތާ 15 ދުވަސް ވެފައިވާއިރު، އެ ބިލު ތަސްދީގު ކުރުމާ މެދު ގޮތެއް ނިންމާފައިނުވާތީ އެވެ. އަދި ގާނޫނުއަސާސީގެ 264 ވަނަ މާއްދާގައި ބުނާ އުސޫލަށް އަމަލުކޮށްފައިނުވާތީ ބިލު ތަސްދީގު ކުރަން ކަނޑައަޅާފައިވާ މުއްދަތު ފަހަނައަޅާފައިވާ ކަމަށް ބުނެ، އެ ބިލަކީ މިހާރު ބާތިލްވެފައިވާ ބިލެއް ކަމަށް ކަނޑައަޅައިދިނުމަށް އޭނާ އެދިވަޑައިގެންފައިވެ އެވެ.
ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ މި މައްސަލަ ބަލައިނުގަތުމަށް ނިންމެވި ސަބަބެއްގެ ގޮތުގައި ބުނެފައިވަނީ، ގާނޫނުއަސާސީގެ 264 ވަނަ މާއްދާގައި ބުނާ އިޖުރާއަތަށް އަމަލުކުރަން ޖެހޭނީ ރައީސް ބިލެއް ތަސްދީގު ނުކުރަން ނިންމާ ހާލަތުގައި ކަމަށެވެ. ނަމަވެސް، ހުށަހަޅާފައިވާ މައްސަލާގައި ހިމެނޭ ބިލު ތަސްދީގު ނުކުރަން ރައީސް ނިންމެވި ކަމަށް އެނގެން ނެތް ކަމަށް ރަޖިސްޓްރާގެ ނިންމެވުމުގައި ފާހަގަކޮށްފައިވެ އެވެ.
އަލީ ހުސެއިންގެ މައްސަލަ ބަލައިނުގަތް ނަމަވެސް، ފެންނަ ނުފެންނަ ވޯޓާ ގުޅޭގޮތުން އެމްޑީޕީގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނޭ ވަކީލް އައިކް އަހުމަދު އީސަ އަދި ވަކީލް އިބްރާހިމް ޝިޔާމު ހުށަހެޅުއްވި ދުސްތޫރީ މައްސަލަ ސުޕްރީމް ކޯޓުން ވަނީ ބަލައިގެންފަ އެވެ. އެ މައްސަލައިގެ ޝަރީއަތް މާދަމާ ފެށުމަށް މިހާރު ވަނީ ތާވަލުކޮށްފަ އެވެ.
ވަކީލް އައިކް އަދި ޝިޔާމްގެ ފަރާތުން ހުށަހެޅި މައްސަލާގައި ބުނެފައިވަނީ، ފެންނަ ނުފެންނަ ވޯޓު ނެގުމަށް ރައީސް ނެރުއްވި ގަރާރުގައި ހިމެނެނީ ގާނޫނުއަސާސީއާ ހިލާފް ސުވާލެއް ކަމަށެވެ. އެހެންކަމުން އެ ސުވާލު ހިމެނޭ ގޮތަށް ފެންނަ ނުފެންނަ ވޯޓު ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅައިދިނުމަށް އެ މައްސަލާގައި އެދިފައިވެ އެވެ.
މީގެ އިތުރުން، ފެންނަ ނުފެންނަ ވޯޓާ ގުޅޭ މައްސަލަތަކެއް އެމްޑީޕީން ވަނީ ހައި ކޯޓަށް ވެސް ހުށަހަޅާފަ އެވެ. އެ މައްސަލާގައި ވޯޓު ހުއްޓުވުމުގެ ވަގުތީ އަމުރަކަށް އެދިފައިވީ ނަމަވެސް، އެ މައްސަލަތައް ބަލައިގަތުމާ މެދު ހައި ކޯޓުން އަދި ވަކި ގޮތެއް ނިންމާފައެއް ނުވެ އެވެ.






ރިއެކްޓް