ޚަބަރު , ސިޔާސީ

މާލެހިޔާ އާއި ސިނަމާލެ ފްލެޓުތައް މަރާމާތުކުރަން ކުރި އިއުލާނު ބާތިލުކޮށްފި

24 މާރިޗު 2026 - 15:30
މާލެހިޔާ އާއި ސިނަމާލެ ފްލެޓުތައް މަރާމާތުކުރަން ކުރި އިއުލާނު ބާތިލުކޮށްފި
ސިނަމާލެ ފްލެޓް، ފޮޓޯ: ވިރާސީ

މާލޭގައި އެންމެ ފުރަތަމަ ބިނާކުރި ފްލެޓް އިމާރާތްތައް ކަމަށްވާ ސިނަމާލެ އާއި މާލެހިޔާ އެއް އަހަރު ދުވަހުގެ މުއްދަތަށް މަރާމާތުކޮށް ބަލަހައްޓައިދޭނެ ބަޔަކު ހޯދުމަށް މާލޭ ސިޓީ ކައުންސިލުން ކޮށްފައިވާ އިއުލާނު ބާތިލުކޮށްފިއެވެ.

މި އިއުލާނުތައް ބާތިލުކުރިކަން ކައުންސިލުން އިއްޔެ ހާމަކުރި ނަމަވެސް، އެކަން ބާތިލުކުރި ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ.

މާލޭ ސިޓީ ކައުންސިލުން މިދިޔަ ބުރާސްފަތި ދުވަހު އިއުލާނުކޮށްފައިވަނީ ވަރަށް ބޮޑަށް ވީރާނާވެފައިވާ ސިނަމާލެ އަދި މާލެހިޔާ ފްލެޓުތައް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށެވެ. މީގެ އިތުރުން ސިނަމާލެ 3 އަދި 4 އާއި މާލެ ހިޔާ 1 އަދި 2 ގެ ލިފްޓުތައް ސާވިސްކޮށް މަރާމާތުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށްވެސް އެ ދުވަހު އިއުލާނުކުރިއެވެ. މި މަސައްކަތަށް ބިޑް ހުށަހެޅުމުގެ މުއްދަތު ހަމަވާން އޮތީ އަންނަ މަހުގެ 5 ވަނަ ދުވަހަށެވެ.

ސިޓީ ކައުންސިލުން މި އިއުލާނުތައް ބާތިލުކުރިއިރު، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާއިން ވަނީ އެ ފްލެޓުތަކުގެ ތަފްސީލީ އެސެސްމެންޓެއް ހެދުމަށް ކޮންސަލްޓެންސީ ދޭނެ ބަޔަކު ހޯދަން އިއްޔެ އިއުލާނުކޮށްފައެވެ. މިނިސްޓްރީން ބޭނުންވަނީ ފްލެޓުތައް މަރާމާތުކުރުމުގެ ކުރިން އެ ތަންތަނުގެ ހާލަތު ދެނެގަތުމަށްޓަކައި ސްޓްރަކްޗްރަލް، އާކިޓެކްޗަރަލް، މެކޭނިކަލް އަދި އިލެކްޓްރިކަލް އިވެލުއޭޝަނެއް ހެދުމަށެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީގެ އިއުލާނުގައިވާ ގޮތުން، އިމާރާތްތައް ހަލާކުވުމުގެ ސަބަބުން އެ ތަންތަނުގައި ދިރިއުޅޭ މީހުންނަށް ހުރި ނުރައްކާތައް ދެނެގަތުމަކީ މި އެސެސްމެންޓުގެ މުހިންމު ބަޔެކެވެ. އަދި މި މަސައްކަތް ކުރާ ފަރާތުން، އިމާރާތްތައް މަރާމާތުކޮށް ބެލެހެއްޓުމަށް ބޭނުންވާ ޓެކްނިކަލް ގައިޑްލައިންތަކާއި، އިންޖިނިއަރިން ސްޕެސިފިކޭޝަންސް އަދި ރިޕެއާ މެތޮޑަލަޖީތައް ސަރުކާރަށް ފޯރުކޮށްދޭން ޖެހޭނެއެވެ.

މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 31 ވަނަ ދުވަހުގެ މެންދުރުފަހު 1:00 އާ ހަމައަށް ވަނީ ހުޅުވާލާފައެވެ. މި އެސެސްމެންޓަކީ ފްލެޓުތައް މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތާ ގުޅޭ ޓެންޑާ ލިޔެކިޔުންތައް ތައްޔާރުކުރުމަށްޓަކައި ކުރިއަށްގެންދާ މުހިންމު މަސައްކަތެއް ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0