ހިޔާރޯދީގައި އަލިފާން ރޯކޮށްލި ކަމަށް ތުހުމަތުކުރެވޭ މީހާ ހައްޔަރުކޮށްފި
ގ. ހިޔާރޯދިގޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން، އެ ގޭގައި ގަސްތުގައި ރޯކޮށްލި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ހާމަކޮށްފިއެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ، 2026 މާރިޗު 18 ވަނަ ދުވަހުގެ ހެނދުނު ގ. ހިޔާރޯދިގޭގެ ފުރަތަމަ ފަންގިފިލާގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ލ. މާބައިދޫ، ސަބުނަމްހައުސް، ޙުސައިން ޝަޙްބާން (29އ) ކަމަށެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން 2026 މާރިޗު 22 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.
މި މައްސަލައިގައި ހައްޔަރުކުރި ޝަޙްބާންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ 5 ދުވަހުގެ މުއްދަތެއް ދީފައެވެ. މި ހާދިސާ ހިނގި ދުވަހު ގ. ހިޔާރޯދިގޭގެ ފުރަތަމަ ފަންގިފިލާއަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން ފާހަގަކުރެވެއެވެ.
ފުލުހުން އިތުރަށް ވިދާޅުވީ، މިއީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާ މައްސަލައެއް ކަމަށެވެ. މި ހާދިސާ ހިނގަން މެދުވެރިވި އަސްލު ސަބަބާއި، މިކަމާ ގުޅުންހުރި އިތުރު ތަފްސީލުތައް ހޯދުމަށް ފުލުހުންގެ ޚާއްޞަ ޓީމަކުން ދަނީ ތަހުގީގު ކުރިއަށް ގެންދަމުންނެވެ.






ރިއެކްޓް