ސިޔާސީ , ޚަބަރު

މަޖިލީހުގެ ބައެއް ގޮނޑިތައް ޒުވާނުންނާއި އަންހެނުންނަށް ހާއްސަކުރަނީ

23 މާރިޗު 2026 - 14:04
މަޖިލީހުގެ ބައެއް ގޮނޑިތައް ޒުވާނުންނާއި އަންހެނުންނަށް ހާއްސަކުރަނީ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

ރައްޔިތުންގެ މަޖިލީހުގެ ވަކި އިންސައްތައެއް ޒުވާނުންނާއި އަންހެނުންނަށް ހާއްސަކުރުމަށްޓަކައި ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިކަން ރައީސް ހާމަކުރެއްވީ މިއަދު މީޑިއާތަކާ ބައްދަލުކުރައްވައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައެވެ.

މަޖިލީހުގެ މެންބަރުންގެ އަދަދު ކޮންޓްރޯލްކުރުމަށްޓަކައި ގެންނަ އިސްލާހުތަކުގެ ތެރޭގައި، 30 އަހަރުން ދަށުގެ ޒުވާނުންނަށް ވަކި އަދަދަކަށް ގޮނޑި ހާއްސަކުރުމަށް މިހާރު ދަނީ ދިރާސާކުރަމުންނެވެ. މީގެ އިތުރުން، ލޯކަލް ކައުންސިލްތަކެކޭ އެއްފަދައިން މަޖިލީހުގައިވެސް އަންހެނުންގެ ތަމްސީލުކުރުން އިތުރުކުރުމަށްޓަކައި ވަކި އިންސައްތައެއް އަންހެނުންނަށް ހާއްސަކުރުމަށް ވަނީ ހުށަހަޅާފައެވެ.

ރައީސް ވިދާޅުވީ ކޮންމެ 5000 މީހަކަށް މެންބަރަކު އިތުރުވާ އުސޫލުގެ ސަބަބުން މަޖިލިސް މެންބަރުންގެ އަދަދު އިންތިހާއަށް އިތުރުވަމުންދާ ދިއުން ހުއްޓުވަން ޖެހޭ ކަމަށެވެ. އަދި މި ބަދަލުތަކާއެކު މިނިވަން މުއައްސަސާތަކާއި ޖުޑިޝަރީ އިތުރަށް މިނިވަންކުރުމަށް އިސްލާހުތަކެއް ގެންނަވާނެ ކަމަށާއި، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ނުބާއްވާ ގޮތަށް ގާނޫނު އިސްލާހުކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.

ނަމަވެސް، ސަރުކާރުން ހުށަހަޅާ މި އިސްލާހުތަކާ މެދު އިދިކޮޅު ފަރާތްތަކުންނާއި ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި މިއީ ވަރުގަދަ އިދިކޮޅު ކެންޑިޑޭޓުން ތިބޭ ދާއިރާތައް މި ކޯޓާތަކުގެ ތެރެއަށް ފައްތައި، އެ ފަރާތްތަކަށް އިންތިހާބުގައި ބައިވެރިނުވެވޭ ގޮތް ހެދުމަށް ހީލަތްތެރި ރޭވުމެއް ރާވަމުންދާ ކަމަށްވެސް އިދިކޮޅުން ބުނެއެވެ.

މި ފާޑުކިޔުންތަކާ ގުޅިގެން ސަރުކާރުން ބުނެފައިވަނީ މި ހުރިހާ ބަދަލަކީވެސް ދައުލަތުގެ ނިޒާމު ހަރުދަނާކޮށް، ހިންގުން ހަލުވިކުރުމަށްޓަކައި ގެންނަ އިސްލާހީ ބަދަލުތަކެއް ކަމަށެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0