ސިޔާސީ , ޚަބަރު

މިނިވަން މުއައްސަސާތަކާއި ޖުޑިޝަރީ އިތުރަށް މިނިވަން ކުރުމުގެ މަސައްކަތް އެބަކުރަން: ރައީސް

23 މާރިޗު 2026 - 13:13
މިނިވަން މުއައްސަސާތަކާއި ޖުޑިޝަރީ އިތުރަށް މިނިވަން ކުރުމުގެ މަސައްކަތް އެބަކުރަން: ރައީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

މިނިވަން މުއައްސަސާތަކާއި ޝަރުޢީ ދާއިރާގެ މިނިވަންކަން ކަށަވަރުކޮށް، އެ ތަންތަނަކީ ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ ތަންތަނަށް ހެދުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

ރައީސް މިހެން ވިދާޅުވީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވި ގޮތުގައި މިނިވަން މުއައްސަސާތައް ވަރުގަދަކުރުމަށްޓަކައި، އެ ކޮމިޝަންތަކުގެ "ޗެކް އެންޑް ބެލެންސް" ނިޒާމު ހަރުދަނާކޮށް، ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ ތަންތަނަށް ހެދުމަށް ޤާނޫނުތަކަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. މީގެ އިތުރުން ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭ.އެސް.ސީ) އެކުލެވިގެންވާ ގޮތް ބަދަލުކުރުމަކީވެސް ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޝަރުޢީ ދާއިރާގެ މިނިވަންކަން ކަށަވަރުކުރުމަށްޓަކައި ފަނޑިޔާރުންގެ ފެންވަރު މަތިކުރަން ޖެހޭކަމަށާއި. އަދި ޝަރުޢީ ދާއިރާއަށް ބޭނުންވާ ބަޖެޓާއި ވަސީލަތްތައް މިހާރުވެސް އިތުރުކޮށްދެވިފައިވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި މި ދާއިރާ ހަރުދަނާކުރުމަށް އިތުރު އިޞްލާޙުތައް ހުށަހަޅުއްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް މިފަދަ އިޞްލާޙުތަކެއްގެ ވާހަކަ ދެއްކެވި ނަމަވެސް، އިދިކޮޅު ފަރާތްތަކުންނާއި ބައެއް ރައްޔިތުން ދަނީ މިކަމާ މެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ. ޚާއްޞަކޮށް ރައީސް މުޢިއްޒު ވެރިކަމަށް ވަޑައިގަތުމަށްފަހު ސުޕްރީމް ކޯޓުގެ ބެންޗު ކުޑަކޮށް، ފަނޑިޔާރުން ބަދަލުކުރި ގޮތަށް ބަލައި، މިއީ އިޞްލާޙުގެ ނަމުގައި ރައީސްގެ ބާރުތައް އިތުރަށް ވަރުގަދަކުރުމަށް ކުރާ މަސައްކަތެއް ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރެއެވެ.

މިނިވަން މުއައްސަސާތަކުގެ ޤާނޫނަށް ގެންނަ ބަދަލުތަކާއެކު، އެ ތަންތަނުގެ މިނިވަންކަން ގެއްލި ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް ހިނގައިދާނެ ކަމުގެ ބިރު އޮތް ކަމަށް ސިޔާސީ މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނަމުންދާއިރު، ސަރުކާރުން ބުނަނީ މި ހުރިހާ ބަދަލަކީވެސް ދައުލަތުގެ ނިޒާމު ހަރުދަނާކުރުމަށް ގެނެވޭ ބަދަލުތަކެއް ކަމަށެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0