ސިޔާސީ , ޚަބަރު

ރެފެރެންޑަމް ހުއްޓުވުމުގެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފި

23 މާރިޗު 2026 - 12:17
ރެފެރެންޑަމް ހުއްޓުވުމުގެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފި

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމާ މެދު ނަގާ ރެފެރެންޑަމް ވޯޓުގައި އަހާ ސުވާލު ގާނޫނުއަސާސީއާ ހިލާފު ކަމަށް ބުނެ، އެ ވޯޓު ހުއްޓުވުމަށް އެދި ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން މިއަދު ބަލައިގެންފި އެވެ.

މި މައްސަލައަކީ މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ ދައުރު ކުރުކޮށް، އިންތިހާބުތައް އެއްކޮށްލުމަށް ހުށަހަޅާފައިވާ އިސްލާހާ ގުޅޭ މައްސަލައެކެވެ.

އަންނަ މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލް އިންތިހާބާ އެކު ކުރިއަށްގެންދާ މި ރެފެރެންޑަމްގައި އަހާ ސުވާލަކީ، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމަށާއި މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށްޓަކައި މަޖިލީހުން ފާސްކޮށްފައިވާ ގާނޫނުއަސާސީއަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވުމަށް ފެނޭތޯ އެވެ. މި ސުވާލު ގާނޫނުއަސާސީއާ ހިލާފު ކަމަށް ކަނޑައަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވީ އެމްޑީޕީގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނޭ އަހުމަދު އައިކް އީސާ އާއި އިބްރާހީމް ޝިޔާމް އެވެ.

ސުޕްރީމް ކޯޓުގެ ރެޖިސްޓްރާ ރައުފާ ހައިދަރު ސޮއިކުރައްވައި މައްސަލަ ހުށަހެޅި ފަރާތްތަކަށް ފޮނުވި ލިޔުމުގައި ބުނެފައިވަނީ، މި މައްސަލަ ހުށަހަޅާފައިވަނީ ކޯޓުގެ ގަވާއިދުތަކާ އެއްގޮތަށް ކަމަށްވާތީ، މައްސަލަ ކުރިއަށް ގެންދިއުމުގެ ހުއްދަ ދީފައިވާ ކަމަށެވެ.

މި މައްސަލާގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ، ވޯޓަށް އަހަން ޖެހޭނީ ގާނޫނުއަސާސީއަށް އެ އިސްލާހެއް ގެނައުމަށް ރުހޭތޯ އާއި، އެ އިސްލާހުގެ ސަބަބުން މިހާރު ހިނގަމުންދާ މަޖިލީހުގެ ދައުރު ކުރުވެގެންދާތީ އެކަމަށް ރައްޔިތުން ރުހޭތޯ ކަމަށެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާގެ ގަރާރާއި އިލެކްޝަންސް ކޮމިޝަނުގެ އިއުލާނުގައިވާ ސުވާލުގައި އެ ބައި ހިމެނިފައި ނުވާ ކަމަށް ވަކީލުން ބުނެފައިވެ އެވެ. އަދި ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ އިމުގެ ބޭރުން ކަންކަން މި ބިލުގައި ހިމަނާފައިވާ ކަމަށްވެސް މައްސަލާގައި ފާހަގަކޮށްފައިވެ އެވެ.

މީގެ އިތުރުން، މަޖިލީހުން ފާސްކުރި ބިލު ތަސްދީގުކުރުމަށް އޮތް މުއްދަތު ހަމަވެފައިވާ ކަމަށް ބުނެ، އެ ބިލު ބާތިލްކޮށްދިނުމަށް އެދި ގާނޫނީ ވަކީލު އަލީ ހުސައިން ވެސް ވަނީ ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅުއްވާފަ އެވެ. ނަމަވެސް އެ މައްސަލަ ބަލައިގަތުމާ މެދު ކޯޓުން އަދި ވަކި ގޮތެއް ނިންމިކަން އެނގިފައެއް ނުވެ އެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0