ލޯންޗު ބަންޑުން ޖަހާލުން: ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ވ. ފެލިދޫ ކައިރިން ދަތުރު ކުރަނިކޮށް މި މަހުގެ 19 ވަނަ ދުވަހުގެ ދަންވަރު ބަންޑުން ޖަހާލި ލޯންޗުން ގެއްލުނު ދެ މީހުން ނުފެންނަކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއްޖެ.
ނަމަވެސް އެ މީހުން ހޯދުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކަމާބެހޭ ފަރާތްތަކާ ގުޅިގެން ކުރިއަށްދާ ކަމަށް އޮފިޝަލު ކަށަވަރުކޮށްދެއްވިއެވެ.
އެމްއެންޑީއެފުން ރޭ ހާމަކުރި ގޮތުގައި، ގެއްލުނު ދެ މީހުން ހޯދުމުގެ މަސައްކަތް ކަނޑާއި ވައިގެ މަގުން ދަނީ ކުރަމުންނެވެ. މިގޮތުން ޑައިވަރުން ބޭނުންކޮށްގެން ކަނޑުގެ އަޑި ބެލުމުގެ އިތުރުން، ވައިގެ މަގުން ވެސް ބޮޑު ސަރަހައްދެއް ދަނީ ބަލަމުންނެވެ.
މި މަސައްކަތުގައި އެމްއެންޑީއެފްގެ ޑްރޯންތައް ވެސް ބޭނުންކުރަމުންދާކަން ފާހަގަކުރެވެއެވެ. ޑްރޯން ބޭނުންކޮށްގެން ވ. އަތޮޅުގެ ވަރަށް ބޮޑު ސަރަހައްދެއް މިހާތަނަށް ބަލާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
ލޯންޗު ބަންޑުން ޖަހާލިއިރު އޭގައި ޖުމްލަ ހަތް މީހުން ތިއްބެވެ. އޭގެ ތެރޭގައި ހިމެނެނީ އިނގިރޭސި ވިލާތާއި ރަޝިއާގެ ދެ އަންހެނުންނާއި އިންޑިއާގެ ފަސް ފިރިހެނުންނެވެ. މި ހާދިސާގައި ގެއްލިގެން ހޯދަމުންދަނީ އިންޑިއާގެ ދެ މީހުންނެވެ. ލޯންޗުގައި ތިބި އަނެއް ފަސް މީހުން ވަނީ ކަނޑުވެފައި ތިއްބާ ސަލާމަތްކޮށްފައެވެ.






ރިއެކްޓް