ލޯންޗުން ވެއްޓި ގެއްލުނީ އިންޑިއާއަށް ނިސްބަތްވާ ދެ މީހުން: ފުލުހުން
ވ. ފެލިދޫ ކައިރިން ދަތުރުކުރި ލޯންޗެއް ބަންޑުން ޖަހާލައި ހިނގި ހާދިސާގައި ގެއްލިގެން ހޯދަމުންދަނީ އިންޑިއާގެ ދެ ފިރިހެނުން ކަމަށް ފުލުހުން ބުނެފިއެވެ.
މި ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ 2026 މާރިޗު 19 ވަނަ ދުވަހުގެ ރޭ ދަމުން 01:15 އެހައިކަންހާއިރު އެވެ.
ފުލުހުން ދިން އެންމެ ފަހުގެ އަޕްޑޭޓުގައި ބުނެފައިވާ ގޮތުން، އެ ލޯންޗުގައި ޖުމުލަ ހަތް މީހުން ތިއްބެވެ. އޭގެ ތެރޭގައި ހިމެނެނީ ޔޫކޭ އަދި ރަޝިއާއަށް ނިސްބަތްވާ ދެ އަންހެނުންގެ އިތުރުން އިންޑިއާއަށް ނިސްބަތްވާ ފަސް ފިރިހެނުންނެވެ. ލޯންޗު ބަންޑުން ޖަހާލި ވަގުތު އޭގެ ތެރެއިން ފަސް މީހަކު މޫދަށް ވިއްސައިގެން ދިޔަ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މޫދަށް ވިއްސައިގެން ދިޔަ މީހުންގެ ތެރޭގައި ހިމެނެނީ ރަޝިއާގެ އަންހެން މީހާއާއި އިންޑިއާގެ ހަތަރު ފިރިހެނުންނެވެ. މީގެ ތެރެއިން މިހާރު ގެއްލިގެން ހޯދަމުންދަނީ އިންޑިއާގެ ދެ ފިރިހެނުންނެވެ. މި ހާދިސާގައި އަނިޔާވި ތިން މީހަކަށް ވ. އަތޮޅު ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.
ފުލުހުންނާއި ކަމާބެހޭ ފަރާތްތަކުން ދަނީ ގެއްލުނު ދެ މީހުން ހޯދުމުގެ މަސައްކަތް މެދުކަނޑުމެއް ނެތި ކުރަމުންނެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.






ރިއެކްޓް