ގާއުނޑޫދޫ އަލުން ހުޅުދުއްފާރުގެ އިހުތިސާސްގެ ތެރެއަށް
ރ. ހުޅުދުއްފާރުގެ އިހުތިސާސުން ވަކިކުރި އެ އަތޮޅު ގާއުނޑޫދޫ އަނެއްކާވެސް ހުޅުދުއްފާރުގެ އިހުތިސާސްގެ ތެރޭގައި ހިމަނަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
ރައީސް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ރަށާއި ސިޓީ ކައުންސިލްތަކުގެ އިހުތިސާސް ކަނޑައެޅުމަށް ރައީސަށް މަތިކޮށްފައިވާ މަސްއޫލިއްޔަތުގެ ދަށުން، ހުޅުދުއްފާރުގެ އިހުތިސާސަށް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. މި ބަދަލާއެކު ގާއުނޑޫދޫ ވަނީ އެ ރަށުގެ އިހުތިސާސްގެ ތެރޭގައި ހިމަނާފައެވެ.
ގާއުނޑޫދޫ ހުޅުދުއްފާރުގެ ދަށަށް ބަދަލުކުރުމަކީ ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވައުދުފުޅެއްވެސް މެއެވެ. ހުޅުދުއްފާރަކީ މީގެ 35 ވަރަކަށް އަހަރު ކުރިން ގާއުނޑޫދޫ އަދި އުނގުލު މީހުން ހިޖުރަކޮށްގެން އާބާދުކުރި ރަށެކެވެ. އެހެންކަމުން ގާއުނޑޫދޫގެ އިހުތިސާސް މީގެ ކުރިންވެސް އޮތީ ހުޅުދުއްފާރު ކައުންސިލްގެ ދަށުގައެވެ.
ކުރީގެ ސަރުކާރުން 25 އޮގަސްޓް 2021 ގައި ވަނީ ހުޅުދުއްފާރު ކައުންސިލްގެ އިހުތިސާސުން ގާއުނޑޫދޫ ވަކިކޮށް، އެގްރިކަލްޗާ މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައެވެ. މި ނިންމުމާއެކު ހުޅުދުއްފާރުގެ ރައްޔިތުންގެ މެދުގައި ކަންބޮޑުވުންތަކެއް އޮތެވެ.
ހުޅުދުއްފާރުގެ އިހުތިސާސްގެ ތެރޭގައި ގާއުނޑޫދޫ އަލުން ހިމަނާފައިވާއިރު، ހުޅުދުއްފާރަށް މީހުން ހިޖުރަކުރި އަނެއް ރަށް ކަމަށްވާ އުނގުލަކީ އެ އަތޮޅު އުނގޫފާރުގެ ބައެއްގެ ގޮތުގައި ރައީސް މުއިއްޒު ވަނީ މި ފަހުން ކަނޑައަޅުއްވާފައެވެ.
ލޯކަލް ކައުންސިލް އިންތިހާބަށް ދެ ހަފްތާއަށް ވެފައިވަނިކޮށް ރައީސް މުއިއްޒު ކައުންސިލްތަކުގެ އިހްތިސާސަށް މިފަދަ ބޮޑެތި ބަދަލުގެންނަމުން ދާތީ، މިއީ އިންތިހާބަށް ނުފޫޒު ފޯރުވުން ކަމަށްބުނެ ރައްޔިތުން ދަނީ ސަރުކާރާއި ރައީސް މުއިއްޒަށް ފާޑުކިޔަމުންނެވެ.






ރިއެކްޓް