ޚަބަރު

ގިނައިން އިންތިހާބު ބޭއްވުމުން ގައުމުގެ ހަމަޖެހުމާއި އިގްތިސާދަށް ނޭދެވޭ އަސަރު ކުރޭ: އުޝާމް

18 މާރިޗު 2026 - 12:13
ގިނައިން އިންތިހާބު ބޭއްވުމުން ގައުމުގެ ހަމަޖެހުމާއި އިގްތިސާދަށް ނޭދެވޭ އަސަރު ކުރޭ: އުޝާމް

ރާއްޖޭގައި ގިނަގިނައިން އިންތިހާބުތައް ބޭއްވުމުގެ ސަބަބުން ސިޔާސީ ނުތަނަވަސްކަން އުފެދި، ގައުމުގެ އިގްތިސާދަށާއި ހަމަޖެހުމަށް އޭގެ ނޭދެވޭ އަސަރު ކުރަމުންދާކަމަށް އެޓާނީ ޖެނެރަލް އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ބަންޑާރަ ނައިބު ވިދާޅުވީ، މިއީ ސަރުކާރުން ވަރަށް ބޮޑަށް ދިރާސާކޮށްގެން ކުރިއަށްގެންދާ މަސައްކަތެއް ކަމަށެވެ.

އުޝާމް ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގައި އިންވެސްޓްކުރަން ބޭނުންވާ ފަރާތްތަކުން އެންމެ ބޮޑަށް އިސްކަންދެނީ އެ ގައުމެއްގެ ސިޔާސީ ހަމަޖެހުމަށެވެ. ނަމަވެސް، ރާއްޖޭގައި އަބަދުވެސް ކޮންމެވެސް އިންތިޚާބެއްގެ ފޯރި އޮތުމަކީ އިންވެސްޓަރުންގެ އިތުބާރު ހޯދުމަށް އޮތް ބޮޑު ގޮންޖެހުމެއްކަން އޭނާ ފާހަގަކުރެއްވިއެވެ. "އަބަދުވެސް ރާއްޖޭގައި މިއޮންނަނީ ކޮންމެވެސް އިންތިހާބެއްގެ ވާދަވެރިކަމެއްގެ ތެރޭގައި، އެކަމުގެ ނޭދެވޭ އަސަރު ހަގީގަތުގައި ދިވެހިރާއްޖޭގެ އިގްތިސާދަށްވެސް އެބަކުރޭ،" އުޝާމް ވިދާޅުވިއެވެ.

މި ބަދަލަކީ ވޭތުވެދިޔަ 15 އަހަރުގެ ތަޖުރިބާއަށާއި، ކުރެވިފައިވާ ދިރާސާތަކުގެ މައްޗަށް ބިނާކޮށް ގެނެވޭ ބަދަލެއްކަމަށް ވިދާޅުވަމުން  އޭޖީ ވިދާޅުވީ، އާ ބަދަލާއެކު މަޖިލީހުގެ އާ ދައުރު ފެށޭ ތާރީހަކީ ޑިސެމްބަރު އެކެއް ކަމުގައި ހަމަޖެހިގެންދާނެ ކަމަށެވެ. މިއާއެކު، އިންތިހާބުވާ ރައީސުލްޖުމްހޫރިއްޔާ ހުވާކުރައްވާތާ ގާތްގަނޑަކަށް ދެ ހަފުތާ ތެރޭގައި އާ މަޖިލިސް ވެސް ހުވާކުރާނެއެވެ.

ނަމަވެސް އިނދިކޮޅު ފަރާތްތަކުން ބުނަމުން ގެންދަނީ މިއީ ސަރުކާރުގެ ހީލަތްތެރި ރޭވުމެއްގެތެރެއިން ބާރުތަށް މުށުތެރެއަށްލުމަށް ކުރެވޭ މަސައްކަތެއް ކަމުގައެވެ.

ރައީސް މުއިއްޒުގެ ސަރުކާރުން ދަނީ ދެއިންތިހާބު އެއްކޮށްލުމާމެދު އެކި ފަހަރު އެކި ގޮތައް ވާހަކަ ދައްކަމުންނެވެ. މިގޮތުން އެންމެ އަޑަށް ބާރުލާފައި ދައްކާ ވާހަކަ އަކީ އޭގެ ސަބަބުން ހަރަދު ކުޑަވާނެ ވާހަކައެވެ. ނަމަވެސް 5 އަހަރުން ހޭދަވާ 120 މިލިއަނަކީ 5 އަހަރުގެ ބަޖެޓުގެ %0.04 އެވެ. މެދު މިނުގެ ރަށެއްގައި ތާރު އަޅަންވެސް 150 މިލިއަން ވަރު ހޭދަވެއެވެ. 

19 ވަނަ ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް އީވާ ވިދާޅުވީ ދެއިންތިހާބު އެއްކޮށްލަނީ ދައުލަތުގެ ހަރަދު ކުޑަކުރަން ނޫން ކަމަށާއި އެއީ ރައީސް މުއިއްޒު ވޯޓުގަތުމަށް ކުރާ ހަރަދު ކުޑަކުރުމަށް ކުރާ ކަމެއް ކަމަށެވެ.

ދެ އިންތިހާބު އެއްކޮށްލުމުގެ މައްސަލައާއި ގުޅިގެން ގާނޫނީ މާހިރުންވެސް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0