އިލެކްޓްރިކް ވެހިކަލްތަކުގެ ނަންބަރު ބޯޑު ބަދަލު ކުރަން ދެ މަސްދުވަހުގެ މުއްދަތެއް
އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓަރީކުރުމުގެ ގަވާއިދަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ގެންއި އިސްލާހުތަކާއި އެކު، އިލެކްޓްރިކް އުޅަނދުތަކުގެ ނަންބަރު ބޯޑު ބަދަލުކުރުމަށް ދެ މަސްދުވަހުގެ މުއްދަތެއް ދީފިއެވެ.
އިސްލާހުކުރެވުނު ގަވާއިދު ރޭ ވަނީ ގެޒެޓުގައި ޝާއިރު ކޮށްފައެވެ.
މި ބަދަލުތަކަކީ ރާއްޖޭގެ އެއްގަމު ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށާއި، އުޅަނދުތައް ރަޖިސްޓަރީކުރުމުގައި އަމަލުކުރާ އުސޫލުތައް ޒަމާނީ ކުރުމަށް ގެނެވުނު ބަދަލުތަކެކެވެ.
އައު ގަވާއިދުގައިވާ ގޮތުން ތިމާވެއްޓާ ރައްޓެހި އިލެކްޓްރިކް އުޅަނދުތަކަށް މިހާރު ވަނީ ހާއްސަ ނަންބަރު ބޯޑެއް ތައާރަފުކޮށްފައެވެ. މިގޮތުން އިލެކްޓްރިކް އުޅަނދުތަކުގެ ނަންބަރު ބޯޑު ހުންނަންޖެހޭނީ ފެހިކުލައިގައެވެ. މީގެ ތެރެއިން ވިޔަފާރި އުސޫލުން ބޭނުންކުރާ އުޅަނދުތަކުގައި ރީނދޫ އަކުރުން، އަދި އަމިއްލަ ބޭނުމަށް ބޭނުންކުރާ އުޅަނދުތަކުގައި ހުދު އަކުރުން ލިޔަންޖެހެއެވެ.
މިހާރު ރަޖިސްޓަރީކޮށްގެން ދުއްވާ އިލެކްޓްރިކް އުޅަނދުތަކުގެ ނަންބަރު ބޯޑު މި އުސޫލަށް ބަދަލުކުރުމަށް މިއަދުން ފެށިގެން 60 ދުވަހުގެ މުއްދަތެއް މިނިސްޓްރީން ވަނީ ދީފައެވެ.
މީގެ އިތުރުން، ދެ ފުރޮޅަށް ވުރެ ގިނަ ފުރޮޅުލީ އުޅަނދުތައް ރަޖިސްޓަރީކުރުމުގެ ގަވާއިދަށް ވެސް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ދެ ފުރޮޅަށް ވުރެ ގިނަ ފުރޮޅުލީ އުޅަނދުތައް ރަޖިސްޓަރީކުރެވޭނީ ރަޖިސްޓަރީކޮށްފައިވާ ގަރާޖެއް އޮވެގެންނެވެ. ގަރާޖުގެ ސައްހަކަން ކަށަވަރުކުރުމަށްޓަކައި، ގަރާޖުގެ ވެރިފަރާތުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުމާއި، ވެރިފަރާތުގެ އައިޑީ ކާޑު ކޮޕީގެ އިތުރުން އެއީ ރަޖިސްޓަރީކޮށްފައިވާ ގަރާޖެއްކަން އެނގޭނެ ލިޔުން ހުށަހަޅަންޖެހެއެވެ. ނަމަވެސް، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުން ދުއްވާ އުޅަނދުތައް މި ޝަރުތުން އިސްތިސްނާވާނެއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގެ މި އިސްލާހާއެކު، ސަރުކާރުގެ 50 އިންސައްތައަށް ވުރެ ބޮޑު ހިއްސާއެއް އޮންނަ ދަތުރުފަތުރުގެ ހިދުމަތްދޭ ކުންފުނިތަކަށް، އެ ކުންފުނިތަކުގެ ނަމުގައި އުޅަނދު ރަޖިސްޓަރީކުރުމުގެ ފުރުސަތު ވެސް ވަނީ ފަހިވެފައެވެ. އަދި ދެ ފުރޮޅުލީ އުޅަނދު ފިޔަވައި އެހެން އުޅަނދުތައް ރާއްޖެ އެތެރެކުރުމުގެ ކުރިން މިނިސްޓްރީގެ ހުއްދަ ހޯދުމުގެ އުސޫލަށް ވެސް މިހާރު ވަނީ ބަދަލުގެނެސްފައެވެ.






ރިއެކްޓް