ދެ އިންތިހާބު އެއްކޮށްލަނީ ރައްޔިތުންގެ ބާރު އެއްކޮށް ކަނޑުވާލަން: ފައްޔާޒް
ދެ އިންތިހާބު އެއްކޮށްލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަކީ ހުދުމުހުތާރު އެކެއްގެ އަތްމައްޗަށް މުޅި ދިވެހިރާއްޖޭގެ ބާރުތައް އެއްކޮށްލައި، ރައްޔިތުންގެ ބާރު އެއްކޮށް ކަނޑުވާލުމަށް ކުރާ ކަމެއް ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ. ފައްޔާޒް މިހެން ވިދާޅުވީ ދެ އިންތިހާބު އެއްކޮށްލުމާ ދެކޮޅަށް މީސްމީޑިއާގައި ޕޯސްޓުކުރި ވީޑިއޯއެއްގަ އެވެ.
ފައްޔާޒް ފާހަގަކުރެއްވި ގޮތުގައި މިފަދަ ބޮޑު ކަމެއް މަޖިލީހުން ފަސް މިނެޓު ތެރޭ ފާސްކޮށް، އެއްވެސް ކަހަލަ މައުލޫމާތެއް ނުދީ ވޯޓަށް އެހުމަކީ ކަންބޮޑުވާންޖެހޭ ކަމެއްކަމަށެވެ. އަދި ލޯކަލް ކައުންސިލް އިންތިހާބުގެ ތެރެއަށް ކަރުދާސްކޮޅެއް ދީގެން މިކަން ކުރަން އުޅުމުގެ ފަހަތުގައި ފޮރުވިފައިވާ ކަންތައްތަކެއް ހުރި ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.
މި ސަރުކާރުން ހުރިހާ ބާރުތަކެއް މުށުތެރެއަށްލައި، ގާނޫނު އަސާސީއަށް އިރުއިރުކޮޅާ ބަދަލު ގެންނަމުންދާ ކަމަށް ބުނެ އޭނާ ވިދާޅުވި ގޮތުގައި ގެންނަމުންދާ މި ބަދަލުތަކަކީ ރައްޔިތުންނަށް އެއްވެސް ފައިދާއެއް ހުރި، ރަނގަޅު ބަދަލުތަކެއް ނޫންކަމަށެވެ.
އިންތިހާބުތައް އެއްކޮށްލުމުން ހަރަދު ކުޑަވާނެ ކަމަށާއި، އެކަމުގެ ސަބަބުން ފަސޭހަވާނެ ކަމަށް ބުނެ ސަރުކާރުން ދައްކާ ވާހަކަތަކަށްވެސް ފައްޔާޒް ވަނީ ރައްދު ދެއްވާފައެވެ. "ހަރަދު ކުޑަކުރުމާއި، ފަސޭހަވުމާއި މަސްލަހަތުގެ ވާހަކައަކީ ޑިމޮކްރެޓިކް ނިޒާމެއްގައި ރައްޔިތުންގެ ބާރުވެރިކަމަށްޓަކައި ދައްކަންޖެހޭ ވާހަކައެއް ނޫން،" ފައްޔާޒް ވިދާޅުވި އެވެ.
ފައްޔާޒް އިތުރަށް ވިދާޅުވީ ސަރުކާރުން މިކަމުގައި ދައްކާ ވާހަކަތަކުގެ އެއްވެސް އޮއްޓަރެއް ނެތް ކަމަށެވެ. ދެ އިންތިހާބު އެއްކޮށްލުމާ ގުޅޭގޮތުން ނަގާ ރެފެރެންޑަމްގައި ނުފެންނަ ކަމަށް ވޯޓުލާ، އެކަމަށް މަސައްކަތްކޮށްދެއްވުމަށް އޭނާ ވަނީ އެދިފަ އެވެ.






ރިއެކްޓް