ސިޔާސީ , ޚަބަރު

ކައުންސިލް ކެމްޕޭނަށް އެޗްޑީސީން ހުރަސް އަޅާތީ އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފި

17 މާރިޗު 2026 - 18:54
ކައުންސިލް ކެމްޕޭނަށް އެޗްޑީސީން ހުރަސް އަޅާތީ އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފި

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގެ ކެމްޕޭނަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުރަސް އަޅަމުންދާ ކަމަށް ބުނެ އިދިކޮޅު އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެ ޕާޓީން ނެރުނު ބަޔާނެއްގައި ވަނީ އެޗްޑީސީން ހަމަހަމަ ފުރުސަތުތަކެއް ފަހިކޮށް ދިނުމުގެ ބަދަލުގައި ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓުންނަށް އެކަނި ފުރުސަތު ފަހިކޮށްދޭ ކަމަށް ތުހުމަތުކޮށްފައެވެ.

އެމްޑީޕީން ބުނި ގޮތުގައި ހުޅުމާލޭގައި އެ ޕާޓީގެ ކެންޑިޑޭޓުންގެ ކެމްޕޭން ތަކެތި ހަރުކުރުމަށް ތަކުރާރުކޮށް އެޗްޑީސީގައި އެދުމުން ވެސް މިއަދާ ހަމައަށް އެ ފުރުސަތު ދީފައެއް ނުވެއެވެ. އަދި އެކަމަށް އެދި ފޮނުވާފައިވާ ސިޓީތަކަށް އެ ކުންފުނިން އެއްވެސް ޖަވާބެއް ދީފައި ނުވާ ކަމަށް ވެސް އެ ޕާޓީން ފާހަގަކުރެއެވެ.

އެމްޑީޕީން އިތުރަށް ބުނީ އެ ޕާޓީގެ ކެންޑިޑޭޓުންނަށް ހުއްދަ ނުދޭއިރު، ޕީއެންސީގެ ކެންޑިޑޭޓުންގެ ޕޯސްޓަރުތަކާއި ބެނާތައް ސަރުކާރު ކުންފުނިތަކުގެ ވަސީލަތްތަކާއި މުވައްޒަފުން ބޭނުންކޮށްގެން ހުޅުމާލޭގެ ފޭސް އެކެއް އަދި ފޭސް ދޭއްގައި ވެސް ހަރުކޮށްފައިވާ ކަމަށެވެ.

މިކަމާ ގުޅިގެން އެމްޑީޕީން ވަނީ އެހެން އިންތިހާބުތަކުގައި ވެސް އަމަލުކުރާ އުސޫލުން ބެނާތައް ހަރުކޮށްފައެވެ. ނަމަވެސް އެޗްޑީސީގެ މުވައްޒަފުން ބޭނުންކޮށްގެން އެ ތަކެއްޗަށް ގެއްލުންދީ ނަގާފައިވާ ކަމަށް އެމްޑީޕީން ތުހުމަތުކުރެއެވެ.

"އެޗްޑީސީގެ މި އަމަލުތަކަކީ މިނިވަން އިންސާފުވެރި އިންތިހާބަކަށް ހުރަސް އެޅުމަށާއި އެމްޑީޕީގެ ކެންޑިޑޭޓުންގެ ކެމްޕޭނަށް ހުރަސް އެޅުމަށް ސަރުކާރު އަޑީގައި އޮވެ ރާވައިގެން ހިންގާ އަމަލުތަކެއް ކަމަށް އެމްޑީޕީއިން ގަބޫލު ކުރަމެވެ،" އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ.

އެމްޑީޕީން ވަނީ ގާނޫނު އަސާސީއާއި އިންތިހާބުތަކާ ބެހޭ ގާނޫނުތަކާ ހިލާފަށް ހިންގާ މިފަދަ "ނާތަހުޒީބު" އަމަލުތައް ވަގުތުން ހުއްޓާލުމަށާއި، ހުރިހާ ކެންޑިޑޭޓުންނަށް ހަމަހަމަ ފުރުސަތުތަކެއް ފަހިކޮށްދިނުމަށް ސަރުކާރަށް ގޮވާލާފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0