ޚަބަރު

ބައްސާމުގެ މައްޗަށް ކުށް ސާބިތުވި ދަޢުވާގައި ހިމެނޭ 1 މިލިއަން ޑޮލަރުގެ ޗެކާ ގުޅޭ ބައި އިސްތިއުނާފުކޮށްފި

17 މާރިޗު 2026 - 16:01
ބައްސާމުގެ މައްޗަށް ކުށް ސާބިތުވި ދަޢުވާގައި ހިމެނޭ 1 މިލިއަން ޑޮލަރުގެ ޗެކާ ގުޅޭ ބައި އިސްތިއުނާފުކޮށްފި

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމު ޢަދީލް ޖަލީލްގެ މައްޗަށް އުފުލި މަނީ ލޯންޑްރިންގގެ ދަޢުވާގައި ހިމެނޭ އެއް މިލިއަން ޑޮލަރުގެ ޗެކާ ގުޅޭ ބައި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މިއަދު ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.

ޕީޖީ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކްރިމިނަލް ކޯޓުން ބައްސާމުގެ މައްޗަށް މަނީ ލޯންޑްރިންގގެ ކުށް ސާބިތުވާކަމަށް ކަނޑައެޅިއިރު، އެފްއޭއެމްގެ އެއް މިލިއަން ޑޮލަރުގެ ޗެކަކީ އަމީން އެވެނިއުއިން އެޕާޓްމަންޓް ގަތުމަށް ބޭނުންކުރި ފައިސާކަން ސާބިތުނުވާކަމަށް ނިންމާފައިވާ ކަމަށެވެ. ދަށު ކޯޓުން ނިންމާފައިވަނީ އެ ފައިސާއަކީ އެފްއޭއެމްއާއި އަމީން ކޮންސްޓްރަކްޝަނާ ދެމެދު ހިނގި ޑޮލަރު މާރުކުރުމުގެ މުޢާމަލާތެއް ކަމަށެވެ.

ނަމަވެސް ޕީޖީ އޮފީހުން ދެކޭ ގޮތުގައި، މި މައްސަލަ ބެއްލެވި ފަނޑިޔާރު އެގޮތަށް ކަނޑައަޅުއްވާފައިވަނީ ޤާނޫނީ ހަމަތަކާ ޚިލާފަށް ހެކި ވަޒަންކޮށްގެންނެވެ. އަދި ދަޢުވާ ސާބިތުކުރުމަށް ހުށަހެޅި ގިނަ ޝަފަހީ ހެކިންގެ ހެކިބަސް ނުނެގުމަށް ފަނޑިޔާރު ނިންމެވި ނިންމެވުމަކީ ވެސް ޤާނޫނާ ޚިލާފު ނިންމުމެއް ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

ޕީޖީ އޮފީހުން ހައިކޯޓުގައި އެދިފައިވަނީ، އެއް މިލިއަން ޑޮލަރުގެ ޗެކާ ގުޅޭ ބައި ސާބިތުކުރުމަށް ހުށަހެޅި ހުރިހާ ހެކިންގެ ހެކިބަސް ނަގައި، ހެކިތައް އަލުން ވަޒަންކޮށް، އެ މުޢާމަލާތަކީ މަނީ ލޯންޑްރިންގގެ ޢަމަލެއްކަމާމެދު އަލުން ގޮތެއް ކަނޑައެޅުމަށްޓަކައި މައްސަލައިގެ އެ ބައި ދަށު ކޯޓަށް ތަޙުވީލުކޮށްދިނުމަށެވެ.

މި އިސްތިއުނާފުގެ ސަބަބުން ބައްސާމުގެ މައްޗަށް މަނީ ލޯންޑްރިންގގެ ކުށް ސާބިތުވާކަމަށް ކަނޑައަޅާފައިވާ ކަނޑައެޅުމަށް އެއްވެސް އަސަރެއް ނުކުރާނެއެވެ. އެއީ އެ ދަޢުވާގައި ހިމެނޭ އެހެން ޗެކްތަކާއި ފައިސާ ލޯންޑަރކޮށްފައިވާކަމަށް ދަށު ކޯޓުން ނިންމި ނިންމުމަށް ޕީޖީން ތަޢުނުކޮށްފައި ނުވާތީއެވެ.

މީގެ އިތުރުން، މި މުޢާމަލާތާ ގުޅިގެން އަމީން ކޮންސްޓްރަކްޝަންގެ މައްޗަށް އުފުލި މަނީ ލޯންޑަރކުރުމަށް އެހީތެރިވުމުގެ ދަޢުވާ ސާބިތުނުވާކަމަށް ނިންމި ނިންމުން ވެސް 2 މާރިޗު 2026 ގައި ޕީޖީ އޮފީހުން ވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0