ޚަބަރު

ނައީމާގެ މަރާ ގުޅިގެން ދައުވާ އުފުލާފައިވާ ފަވާޒު ޝަރުޠުތަކާއެކު ދޫކޮށްލައިފި

17 މާރިޗު 2026 - 15:22
ނައީމާގެ މަރާ ގުޅިގެން ދައުވާ އުފުލާފައިވާ ފަވާޒު ޝަރުޠުތަކާއެކު ދޫކޮށްލައިފި

ނ. މަނަދޫ، އަންނާރުމާގޭ ނަޢީމާ މޫސާ މަރާލި މައްސަލާގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާ އުފުލާފައިވާ ނ. މަނަދޫ، ވިނަރެސް، ޙަސަން ފަވާޛް ބަލި ޙާލަތާ ގުޅިގެން ޝަރުޠުތަކަކާއެކު ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ. މި ނިންމުން ނިންމާފައިވަނީ 17 މާރިޗު 2026 ގައެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މަޢުލޫމާތު ދެއްވި ގޮތުގައި، ފަވާޛް ބަންދުން ދޫކޮށްލުމަށް އެދިފައިވަނީ އޭނާގެ ޞިއްޙީ ޙާލަތާ ގުޅިގެން ޖަލު ބަންދުގައި ބަހައްޓައިގެން އެކަށީގެންވާ ފަރުވާ ދިނުމަށް ހުރަސްއެޅެމުންދާކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން އެ އޮފީހަށް އެންގުމާ ގުޅިގެންނެވެ. މިއީ ޤާނޫނުއަސާސީގެ 21 ވަނަ މާއްދާއިން ލިބިދީފައިވާ ދިރިހުރުމުގެ ޙައްޤު ރައްކާތެރިކުރުމަށް އެޅި ފިޔަވަޅެއް ކަމަށްވެސް އެ އޮފީހުން ބުނެފައިވެއެވެ.

ފަވާޛް ބަންދުން ދޫކޮށްލާފައިވަނީ ޝަރުޠުތަކަކާއެކުގައެވެ. އޭގެ ތެރޭގައި މާލެއިން ބޭރަށް ނުދިއުމާއި، ބޭސްފަރުވާއަށް ފިޔަވައި ރޭގަނޑު 18:00 އިން ހެނދުނު 8:00 އަށް ގޭގައި މަޑުކުރުން ހިމެނެއެވެ. މީގެ އިތުރުން ކޮންމެ ދުވަހަކު ހެނދުނު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ސޮއިކުރުމާއި، މައްސަލައިގެ ހެކިންނާ އެއްވެސް މުޢާމަލާތެއް ނުކުރުމަށް ވެސް ވަނީ ޝަރުޠުކޮށްފައެވެ.

މީގެ އިތުރުން، އޭނާގެ ބޭސްފަރުވާގެ ލިޔެކިއުންތައް ކޮންމެ 15 ދުވަހަކުން އެއްފަހަރު ޕީޖީ އޮފީހަށާއި ކްރިމިނަލް ކޯޓަށް ހުށަހަޅަންޖެހެއެވެ. ޕީޖީ އޮފީހުން ބުނީ ފަވާޛް މި ޝަރުޠުތަކާ ޚިލާފުވެއްޖެނަމަ، އޭނާ އަލުން ޖަލު ބަންދަށް ބަދަލުކުރުމަށް ކޯޓުގައި އެދޭނެ ކަމަށެވެ.

ނަޢީމާ މޫސާ މަރާލާފައިވަނީ 6 އެޕްރީލް 2023 ދުވަހުގެ ދަންވަރުގެ ވަގުތެއްގައެވެ. މި މައްސަލާގައި ފަވާޛްގެ މައްޗަށް ޤަޞްދުގައި މީހަކު މެރުމުގެ ދަޢުވާގެ އިތުރުން، ޢަދުލުއިންސާފު ޤާއިމުކުރުމަށް ހުރަސްއެޅުމުގެ ދަޢުވާއާއި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ކުށުގެ ދަޢުވާ ވެސް ވަނީ އުފުލާފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 1
ލޯބި ލޯބި 0
މަޖާ މަޖާ 0