ރާއްޖެ-އިންޑިއާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ޓީއޯއާރުގައި ސޮއިކޮށްފި
ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު ގާއިމުކުރުމަށް މަސައްކަތްކުރަމުންދާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ (އެފްޓީއޭ) ޓާމްސް އޮފް ރިފަރެންސް ނުވަތަ ޓީއޯއާރުގައި ދެ ގައުމުން މިއަދު ސޮއިކޮށްފިއެވެ.
މިކަން ހާމަކޮށްފައިވަނީ އިންޑިއާގެ މިނިސްޓްރީ އޮފް ކޮމާސްއިން އެ ގައުމުގެ މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައެވެ.
ޓީއޯއާރަކީ ފުރިހަމަ މިނިވަން ވިޔަފާރީގެ އެއްބަސްވުމަކަށް ދިއުމުގެ ކުރިން، މަޝްވަރާތައް ކުރިއަށްގެންދާނެ ދާއިރާތަކާއި އުސޫލުތައް ކަނޑައަޅައި މައިގަނޑު އޮނިގަނޑެވެ. އިންޑިއާގެ ކޮމާސް މިނިސްޓްރީން ބުނެފައިވަނީ ރާއްޖެއާއެކު ސޮއިކުރަނީ ފުރިހަމަ މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ކަމަށެވެ. ނަމަވެސް، މި އެއްބަސްވުމުގެ އިތުރު ތަފްސީލުތައް އަދި ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.
ދެ ގައުމުގެ ދެމެދުގައި މިނިވަން ވިޔަފާރީގެ މަޝްވަރާތައް ފެށުމަށް އެއްބަސްވީ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިދިޔަ އަހަރު ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިންނެވެ. މި އެއްބަސްވުމާ ގުޅޭގޮތުން ރާއްޖޭގެ އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާއިން ވިދާޅުވީ، "މިއީ ވިޔަފާރީގެ ފުރުސަތުތައް އިތުރުކުރުމަށާއި އިގްތިސާދީ ގުޅުން ބަދަހިކުރުމަށް ގާއިމުކުރެވޭ ފުރިހަމަ އިދާރީ އޮނިގަނޑެއް" ކަމަށެވެ.
އިގްތިސާދީ ވުޒާރާއިން ފާހަގަކުރެއްވި ގޮތުގައި މި އެއްބަސްވުމުގެ ސަބަބުން ވިޔަފާރީގެ ހުރަސްތައް ކުޑަވެ، އިންވެސްޓްމަންޓްތަކަށް މަގުފަހިވެގެންދާނެއެވެ. މީގެއިތުރުން، ބޯޑަރު ހުރަސްކޮށް ކުރެވޭ ވިޔަފާރިތަކާއި އިންވެސްޓްމަންޓްތައް އިތުރުވެ، ރާއްޖެއަށް ޒިޔާރަތްކުރާ އިންޑިއާގެ ފަތުރުވެރިންނަށާއި އިންޑިއާގައި ދިރިއުޅޭ ދިވެހިންނަށް މުދަލާއި ހިދުމަތްތަކަށް ފައިސާ ދެއްކުމުގައި ބޮޑެތި ލުއިފަސޭހަތަކެއް ލިބޭނެއެވެ.
މިކަމަށް ބާރުލިބޭ ގޮތުން ޔުނިފައިޑް ޕޭމަންޓްސް އިންޓަފޭސް (ޔޫޕީއައި) އާއި ލޯކަލް ކަރަންސީ ސެޓްލްމަންޓް މެކޭނިޒަމް ހަރުދަނާކުރުމުގެ މަސައްކަތްވެސް ކުރިއަށްދާނެ ކަމަށް ސަރުކާރުން ވިދާޅުވެއެވެ. މިއީ ރާއްޖޭގެ މާލީ ނިޒާމަށް ލިބޭނެ ބޮޑު ކުރިއެރުމެއްގެ ގޮތުގައި ބެލެވެއެވެ.
މި ސަރުކާރުން އަންނަނީ ބޭރުގެ އެކި ގައުމުތަކާއެކު ވިޔަފާރީގެ ގުޅުންތައް ބަދަހިކުރަމުންނެވެ. އެގޮތުން، ޗައިނާއާއެކު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް 2025 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން އަމަލުކުރަން ފަށާނެއެވެ. އަދި ދާދިފަހުން ތުރުކީވިލާތާއެކުވެސް ރާއްޖެއިން ވަނީ ޕްރިފަރެންޝަލް ޓްރޭޑް އެގްރިމެންޓެއްގައި ސޮއިކޮށްފައެވެ.






ރިއެކްޓް