ގޮވާމުން ލިބުނު ފިޠުރު ޒަކާތް ބަހަން ފަށައިފި
މިއަހަރުގެ ފިޠުރު ޒަކާތުގެ ގޮތުގައި ގޮވާމުން ލިބިފައިވާ ތަކެތި، ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ބަހަން ފަށާފައިވާ ކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ހާމަކޮށްފިއެވެ. މި ތަކެތި ބެހުމުގެ މަސައްކަތް ކުރިއަށްދާނީ މާލޭގައި ހުންނަ ސެންޓަރ ފޯރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) ގައެވެ.
ޒަކާތު ހައުސްއިން މަޢުލޫމާތު ދޭ ގޮތުގައި، ގޮވާމުން ޒަކާތް ބެހުމުގެ މަސައްކަތް ކުރިއަށްދާނީ މިމަހުގެ 17 އަދި 18 ވަނަ ދުވަހުއެވެ. މި ދެ ދުވަހުގެ ހެނދުނު 10:00 އިން 12:00 އަށް އަދި މެންދުރުފަހު 13:00 އިން 15:00 އަށް ޒަކާތް ބެހުމުގެ އިންތިޒާމުތައް ވަނީ ހަމަޖައްސާފައެވެ. މި ތަކެތި ބަހަނީ ފަޤީރުންގެ ދަފްތަރުގައި ހިމެނޭ މާލެ ސިޓީގައި ދިރިއުޅޭ ފަރާތްތަކަށެވެ.
ދަޢުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ޒަކާތު ހައުސްގެ އެސިސްޓެންޓް ޑިރެކްޓަރ ޖެނަރަލް މޫސާ މުޢިއްޒު ވިދާޅުވީ، މިހާތަނަށް 5.7 ޓަނުގެ ގޮވާން ލިބިފައިވާ ކަމަށެވެ. "މީގެ ތެރޭގައި އެންމެ ގިނައީ ބާސްމަތީ ހަނޑުލެވެ. އެގޮތުން 3.2 ޓަނުގެ ބާސްމަތީ ހަނޑުލާއި، 1.4 ޓަނުގެ އާދައިގެ ހަނޑުލުގެ އިތުރުން 300 އެއްހާ ކިލޯގެ ފުއް ލިބިފައިވޭ،" މުޢިއްޒު ވިދާޅުވިއެވެ.
ފަޤީރުންނަށް ބެހުމަށްފަހު ބާކީވާ ތަކެތި ބޭނުންޖެހިފައިވާ އެހެން ފަރާތްތަކަށް ހަދިޔާކުރުމަށް ޒަކާތު ހައުސްއިން ވަނީ ނިންމާފައެވެ. އެގޮތުން މިމަހުގެ 19 ވަނަ ދުވަހު އެ ތަކެތި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާ ޙަވާލުކުރެވޭނެ ކަމަށް އެ އިދާރާއިން މަޢުލޫމާތުދެއެވެ.
މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ 15 ދުވަހު ޒަކާތުގެ ގޮތުގައި 5.4 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ ފާއިތުވި ތިން އަހަރާ އަޅާބަލާއިރު ރަމަޟާން މަހުގެ ފުރަތަމަ 15 ދުވަހު އެންމެ ގިނައިން ޒަކާތް ލިބުނު އަހަރެވެ. ޒަކާތުގެ ގޮތުގައި ލިބޭ ފައިސާ ޖަމާކުރާނީ ފަޤީރުންގެ ދަފްތަރުގައިވާ ފަރާތްތަކުގެ ބޭންކް އެކައުންޓްތަކަށް ކަމަށްވެސް ޒަކާތު ހައުސްއިން ވިދާޅުވިއެވެ.






ރިއެކްޓް