ސިޔާސީ , ޚަބަރު

ރެފެރަންޑަމް ހުއްޓުވައިދިނުމަށް އެދި ސުޕްރީމް ކޯޓަށް

17 މާރިޗު 2026 - 12:22
ރެފެރަންޑަމް ހުއްޓުވައިދިނުމަށް އެދި ސުޕްރީމް ކޯޓަށް

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާމެދު ރައްޔިތުން ދެކޭ ގޮތް ދެނެގަތުމަށް ނެގުމަށް ހަމަޖެހިފައިވާ ފެންނަ ނުފެންނަ ވޯޓު ނުވަތަ ރެފެރަންޑަމް ހުއްޓުވައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ދުސްތޫރީ ދެ މައްސަލައެއް މިއަދު ހުށަހަޅައިފި އެވެ.

ފުރަތަމަ މައްސަލަ ހުށަހަޅާފައިވަނީ އެ ވޯޓުގައި އަހާ ސުވާލަކީ ގާނޫނުއަސާސީގެ މާއްދާތަކުގެ އިމުގެ ބޭރުން ފަރުމާކޮށްފައިވާ ސުވާލެއް ކަމަށް ބުނެ އެވެ.

ސުޕްރީމް ކޯޓަށް ހުށަހެޅި ދައުވާ ފޯމުގައި ބުނެފައިވަނީ، ހިޔާލު ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ނެރުއްވާފައިވާ ގަރާރާއި އިލެކްޝަންސް ކޮމިޝަނުން ކޮށްފައިވާ އިއުލާނުގައިވާ ސުވާލަކީ ގާނޫނުއަސާސީއަށް ގެނެވޭ ހަގީގީ ބަދަލު ރައްޔިތުންނަށް ވަންހަނާވާ ގޮތަށް ފަރުމާކޮށްފައިވާ ސުވާލެއް ކަމަށެވެ. 

"މުޅި ބިލު ތަސްދީގުކުރުމަށް ފެނޭތޯ އެހުމަކީ، ގާނޫނުއަސާސިއަށް ގެނެވޭ ހަގީގީ ބަދަލު ރައްޔިތުންނަށް ވަންހަނާ ވެގެންދާނޭ ގޮތަށް ފަރުމާކޮށްފައިވާ ސުވާލެއް. މި ސުވާލަކީ ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) އިން ލާޒިމުކުރާ އުސޫލުތަކުގެ ތެރެއިން ފަރުމާކޮށްފައިވާ ސުވާލަކަށް ނުވާތީ، އެ ސުވާލުގެ މައްޗަށް ބިނާކޮށް އެޕްރީލް 4، 2026 ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ބާއްވައިގެން ނުވާނެ ކަމަށް ކަނޑައަޅުއްވައި ދެއްވުން އެދި މައްސަލަ ހުށަހަޅަން،" ދައުވާގައި ބުނެފައިވެ އެވެ.

ދެވަނަ މައްސަލަ ހުށަހެޅީ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިން އެވެ. އޭނާ ހުށަހެޅި ދުސްތޫރީ މައްސަލާގައި އެދިފައިވަނީ ފެންނަ ނުފެންނަ ވޯޓު ނެގުމަށް ފާސްކުރި ގާނޫނުއަސާސިއަށް އަށްވަނަ އިސްލާހު ގެނައުމުގެ ބިލަކީ ބާތިލު ބިލެއް ކަމަށް ކަނޑައަޅައި، ފެންނަ ނުފެންނަ ވޯޓަކީ ގާނޫނުއަސާސީގެ 264 މާއްދާއާ ހިލާފު ކަމެއް ކަމަށް ކަނޑައަޅައި ދިނުމަށެވެ.

މި މައްސަލަތަކާ ގުޅޭގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަލީ ހުސައިން ވިދާޅުވީ، ގާނޫނުއަސާސީއަށް އަށްވަނަ އިސްލާހު ގެނައުމުގެ ބިލު ފެބްރުއަރީ 11 ގައި ރައީސް އޮފީހަށް ފޮނުވާފައިވީ ނަމަވެސް، ގާނޫނުއަސާސީގައި ބުނާ 15 ދުވަހުގެ މުއްދަތުގައި އެ ބިލު ތަސްދީގުކޮށްފައި ނުވާ ކަމަށެވެ. އެހެންކަމުން އެ ބިލަކީ މިހާރު ބާތިލު ބިލެއް ކަމަށާއި، ބާތިލުވެފައިވާ ބިލެއްގެ މައްޗަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނެގޭނެ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން، މަޖިލީހުގެ އުމުރަށް ބަދަލު އަންނަ ކަމަށް ބުނާ ވާހަކަތަކަށް ރައްދު ދެއްވަމުން އަލީ ހުސައިން ވިދާޅުވީ، ބިލު ފާސްކޮށްފައި އޮތް ގޮތުން މަޖިލީހުގެ ފަސް އަހަރުގެ އުމުރަށް ބަދަލެއް ނާންނަ ކަމަށެވެ. މިހާރު އޮތް މަޖިލީހުގެ އުމުރު ކުރިވިޔަސް، ދެން ހޮވޭ މަޖިލީހެއް ވެސް ހޮވޭނީ ފަސް އަހަރުގެ ދައުރަކަށް ކަމަށް އޭނާ ވިދާޅުވި އެވެ. މި މައްސަލާގައި ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ވެސް ވަނީ ރެފެރަންޑަމްގައި ކުރާ ސުވާލަކީ ގާނޫނުއަސާސީއާ ހިލާފު ސުވާލެއް ކަމަށް ވިދާޅުވެފަ އެވެ.

ރެފެރަންޑަމްގައި އަހާ ސުވާލު

"ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމަށާއި ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވާ ގާނޫނުއަސާސީ އަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވަން ފެނޭ ހެއްޔެވެ؟"

އެޕްރީލް 4، 2026 ގައި ބޭއްވުމަށް ތާވަލުކޮށްފައިވާ މި ރެފެރަންޑަމާއި ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓުލުމުގެ ހައްގު 294,937 މީހުންނަށް ލިބިގެންވެ އެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0