ފާޑުކިޔުންތައް އަމާޒުވެ ބައްސާމް އަނބުރާ ޖަލަށް
އެފްއޭއެމްގެ ފައިސާ ބޭނުންކޮށްގެން އަމިން އެވެނިއުގެ އެޕާޓްމަންޓެއް ގަތް މައްސަލައިގައި ހިޔާނާތްތެރިވިކަން ސާބިތުވެ ޖަލަށް ލާފައިވާ އެ އެސޯސިއޭޝަނުގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ގެއަށް ބަދަލުކުރުމާ ގުޅިގެން އަމާޒުވި ފާޑުކިޔުންތަކާއެކު، އޭނާ އަނބުރާ ޖަލަށް ބަދަލުކޮށްފިއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ބުނީ ބައްސާމް ވަގުތީ ގޮތުން ގެއަށް ބަދަލުކުރީ ސާޖަރީއަކަށްފަހު ޑޮކްޓަރުގެ މެޑިކަލް ލަފާގެ މަތިން ކަމަށެވެ. މިއީ އެފަދަ ހާލަތްތަކުގައި އަމަލުކުރަން ގަވާއިދުގައި އޮންނަ އުސޫލުގެ ދަށުން ނިންމި ނިންމުމެއް ކަމަށް ކަރެކްޝަންސްއިން މައުލޫމާތު ދެއެވެ.
ނަމަވެސް، ޖަލުގައި ބަހައްޓައިގެން ސާޖަރީއަށްފަހު ދޭންޖެހޭ ފަރުވާ އަވަސްކޮށް ގެންދެވޭނެ އިންތިޒާމު ހަމަޖެހުމުން، އޭނާ މިހާރު ވަނީ އަނބުރާ ޖަލަށް ބަދަލުކުރެވިފައެވެ. ބައްސާމް މުއްދަތެއް ނެތް ގޮތަށް ގެއަށް ބަދަލުކުރީ ރޭގެ ވަގުތެއްގައެވެ. އެހެންކަމުން 24 ގަޑިއިރު ނުވަނީސް އޭނާ އަނބުރާ ޖަލަށް މި ބަދަލުކުރީ އާންމުންގެ ބޮޑު ފާޑުކިޔުމެއް އެކަމަށް އަމާޒުވެފައި ވަނިކޮށެވެ.
ބައްސާމްގެ މައްޗަށް ހިޔާނާތްތެރިވުމާއި މަނީ ލޯންޑަރިންގެ ދައުވާ އުފުލީ، އެފްއޭއެމްގެ 1.2 މިލިއަން ޑޮލަރު ބޭނުންކޮށްގެން އަމީން އެވެނިއުއިން ޕެންޓްހައުސް އެޕާޓްމަންޓަކަށް ފައިސާ ދެއްކި މައްސަލައިގައެވެ. މި މައްސަލައިގައި އޭނާ 23 އަހަރަށް ޖަލަށް ލުމަށާއި 44 މިލިއަން ރުފިޔާއިން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.
މީގެއިތުރުން، އެފްއޭއެމްގެ ފައިސާއަށް ހިޔާނާތްތެރިވުމުގެ ކުށް ސާބިތުވެ ހަތަރު އަހަރުގެ ޖަލު ހުކުމެއް އަދި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރުގެ ހުކުމެއްވެސް އޭނާގެ މައްޗަށް ވަނީ އިއްވާފައެވެ. އެހެންކަމުން އޭނާގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމްތަކުގެ ޖުމުލަ 32 އަހަރަށް އަރައެވެ.
މި ހުކުމްތަކުގެ އިތުރުންވެސް، ބައްސާމް އެފްއޭއެމްގެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ ކަމަށް ތުހުމަތުކުރެވޭ އިތުރު މައްސަލަތަކެއް ކޯޓުގައި މިހާރުވެސް ދަނީ ހިނގަމުންނެވެ.






ރިއެކްޓް