ސިޔާސީ , ޚަބަރު

ރެފަރެންޑަމްގައި ރައްޔިތުންނާ ކުރެވޭ ސުވާލު ސައްހައެއް ނޫން: ޙުސްނުއްސުޢޫދު

16 މާރިޗު 2026 - 21:32
ރެފަރެންޑަމްގައި ރައްޔިތުންނާ ކުރެވޭ ސުވާލު ސައްހައެއް ނޫން: ޙުސްނުއްސުޢޫދު
ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލްއުސްތާޛު ޙުސްނުއްސުޢޫދު

ގާނޫނުއަސާސީއަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލާ ގުޅިގެން ނަގާ ރެފަރެންޑަމްގައި ރައްޔިތުންނާ ކުރަން ނިންމާފައިވާ ސުވާލަކީ ގާނޫނުއަސާސީގެ 262 ވަނަ މާއްދާއާ ހިލާފު، ސައްހަ ނޫން ސުވާލެއް ކަމަށް ކުރީގެ އެޓަރނީ ޖެނެރަލް އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ކުރެއްވި އަލްއުސްތާޛު ޙުސްނުއްސުޢޫދު ވިދާޅުވެއްޖެއެވެ.

ސުއޫދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ގާނޫނުއަސާސީގެ 262 ވަނަ މާއްދާގައިވާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ އުމުރަށް ބަދަލު ގެނައުމަށް މަޖިލީހުން ފާސްކުރާ ބިލެއް ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގައި، އެކަމަށް ރައްޔިތުންގެ އަގުލަބިއްޔަތު ލިބިގެންނެވެ. ނަމަވެސް މިހާރު ތަރުތީބުކޮށްފައިވާ ސުވާލަކީ މަޖިލީހުގެ ދައުރު ކުރުކުރާކަން ރައްޔިތުންނަށް އޮޅޭ ގޮތަށް ފަރުމާކޮށްފައިވާ ސުވާލެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ސުއޫދު ވިދާޅުވި ގޮތުގައި، މަޖިލީހުގެ އުމުރު ކުރުކުރުމާ މެދު ސީދާ ސުވާލު ކުރުމުގެ ބަދަލުގައި، މުޅި ބިލު ތަސްދީގުކުރުމާ މެދު ސުވާލުކުރުމަކީ ގާނޫނީ ގޮތުން ސައްހަ ކަމެއް ނޫނެވެ. "މި ބިލުގައި ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ ލަފާ ހޯދަން ނުޖެހޭ އެތައް ކަމެއް ހިމެނިފައިވާއިރު، އެ ހުރިހާ ކަމެއް އެއްކޮށްލައިގެން އެއް ސުވާލެއްގެ ގޮތުގައި އެހުމަކީ ގާނޫނީ ގޮތުން ސައްހަ ކަމެއް ނޫން،" ސުއޫދު ލިޔުއްވާފައިވެއެވެ.

އޭނާ އިތުރަށް ބަޔާންކުރެއްވި ގޮތުގައި ރައްޔިތުންނާ ކުރަންޖެހޭ ސީދާ ސުވާލަކީ މަޖިލީހުގެ އުމުރު 5 އަހަރަށްވުރެ ކުރުކުރަން ފެނޭތޯ ކުރާ ސުވާލެވެ. މި ބިލު މިހާރު އޮތް ގޮތުން ރައްޔިތުންނަށް މައުލޫމާތު އޮޅިގެންދާނެ ކަމަށް ބުނެ އޭނާ ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

މީގެ އިތުރުން، ބިލުގެ 4 ވަނަ މާއްދާގައި ގާނޫނަކަށް ހަވާލާދީފައިވާ ގޮތުން އެއީ ގާނޫނުއަސާސީގެ ބަޔަކަށް ހެދޭނެ ގޮތެއް ނެތް ކަމަށް ސުއޫދު ވިދާޅުވިއެވެ. އަދި އެ މާއްދާ ގާނޫނުއަސާސީގެ ބަޔަކަށް ނުވާނަމަ، މިހާރު ހިނގަމުންދާ މަޖިލީހުގެ މުއްދަތު ހަމަވާނެ ވަކި ތާރީޚެއް ގާނޫނުއަސާސީގައި ނޯންނާނެތީ، މިހާރު އޮތް މަޖިލީހުގެ ދައުރު 2029 ވަނަ އަހަރުގެ މޭ މަހުގެ ނިޔަލަށް ދެމިގެންދާނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0