ޚަބަރު

ވޯޓާސް ލިސްޓުގައި ކެންޑިޑޭޓުން ސޮއިކުރުން އަންގާރަ ދުވަހުން ފެށިގެން

15 މާރިޗު 2026 - 23:34
ވޯޓާސް ލިސްޓުގައި ކެންޑިޑޭޓުން ސޮއިކުރުން އަންގާރަ ދުވަހުން ފެށިގެން

އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބުތަކުގައި ބޭނުންކުރާ ވޯޓާސް ލިސްޓުގައި ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުން ކަނޑައަޅާ ފަރާތްތަކުން ސޮއިކުރުމުގެ ފުރުޞަތު ކުރިއަށް އޮތް އަންގާރަދުވަހު ހުޅުވާލާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ގެޒެޓްކުރި އިޢުލާނެއްގައި ބަޔާންކޮށްފައިވާ ގޮތުން، ވޯޓާސް ލިސްޓުގައި ސޮއިކުރުމުގެ ފުރުޞަތު މި މަހުގެ 19 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް އޮންނާނެއެވެ. މި މުއްދަތުގެ ތެރޭގައި ސޮއިކުރުމުގެ ކަންކަން ކުރިއަށްދާނީ ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރުފަހު 03:00 އަށް، އަދި ރޭގަނޑު 09:30 އިން 12:00 އަށެވެ. ކެންޑިޑޭޓުން ސޮއިކުރުމުގެ މަސައްކަތް ކުރިއަށްދާނީ އިލެކްޝަންސް ކޮމިޝަނުގެ އިންތިޚާބާބެހޭ މަރުކަޒުގައެވެ.

ކެންޑިޑޭޓުގެ ބަދަލުގައި އެހެން ފަރާތަކުން ސޮއިކުރަން ވަޑައިގަންނަވާނަމަ، އެކަން ބަޔާންކޮށް ކެންޑިޑޭޓު ސޮއިކޮށްފައިވާ ސިޓީއެއް ހުށަހަޅަންޖެހޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ. އެ ސިޓީގައި ބަދަލުގައި ވަޑައިގަންނަވާ ފަރާތުގެ ފުރިހަމަ ނަމާއި، ދާއިމީ އެޑްރެސް އަދި އައިޑީކާޑު ނަންބަރު ހިމަނަންޖެހޭނެއެވެ.

މީގެ އިތުރުން ކެންޑިޑޭޓުގެ އައިޑީކާޑު ކޮޕީއަކާއި، ސޮއިކުރަން ވަޑައިގަންނަވާ ފަރާތުގެ އައިޑީކާޑުގެ އަސްލު ގެންނަންވާނެ ކަމަށްވެސް ކޮމިޝަނުގެ އިޢުލާނުގައި ބަޔާންކޮށްފައިވެއެވެ.

އަންނަ މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ތައްޔާރުވަމުންދާ މި އިންތިޚާބުގައި ޖުމްލަ ތިން ވޯޓެއް ނެގުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ އިތުރުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0