ޚަބަރު , ސިޔާސީ

ޕީއެންސީން ރައްޔިތުން ގެންގުޅެނީ އޮޅު ކޮށްގެން: ފައްޔާޒް

15 މާރިޗު 2026 - 09:30
ޕީއެންސީން ރައްޔިތުން ގެންގުޅެނީ އޮޅު ކޮށްގެން: ފައްޔާޒް
އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް. ފޮޓޯ: ވިރާސީ

ވެރިކަން ކުރާ ޕީއެންސީން ރައްޔިތުން ގެންގުޅެނީ އޮޅު ކޮށްގެން ކަމަށާއި، އެމްޑީޕީއަކީ ރައްޔިތުން ގަދަ ބާރުން ގެންގުޅޭނެ ބައެއް ނޫން ކަމަށް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ. ފައްޔާޒް މިހެން ވިދާޅުވީ ރޭ އެސްއެސް ޓީވީގެ 'ބާރު ހަތަރެއް' ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް އެމްޑީޕީއަށް ފާޑުވިދާޅުވެ ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުން ފައްޔާޒް ވިދާޅުވީ، އެމްޑީޕީން މިހާރުގެ ސަރުކާރުން އަމަލުކުރާ ގޮތަށް ކަންކަން ކުރާނަމަ ރައްޔިތުން ތިބޭނީ މަގުމަތީގައި ކަމަށެވެ. އަދި މި ސަރުކާރުގައި މަގުމައްޗަށް ނިކުމެއްޖެ ނަމަ ބިރުދައްކައި، ވަޒީފާއިން ކަނޑައި، ވިޔަފާރިތައް ފުނޑާލާނެ ކަމަށްވެސް އޭނާ ތުހުމަތު ކުރެއްވި އެވެ.

މުހައްމަދު އިސްމާއިލް ވަނީ އެމްޑީޕީގެ 'ކައްޓާ' އަކީ ބާވެ ހަލާކުވެފައިވާ އެއްޗެއް ކަމަށް ސިފަކުރައްވައި، މިހާރު މީހުން ބޭނުންކުރަނީ 'ޑިޖިޓަލް ކައްޓާ' ކަމަށް ވިދާޅުވެ އެ ޕާޓީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. މި ވާހަކަތަކަށް ރައްދު ދެއްވަމުން ފައްޔާޒް ވިދާޅުވީ ކައްޓާ ހަލާކުވާ ފަހަރުވެސް އަންނާނެ ކަމަށާއި، އެމްޑީޕީއަކީ ސިޔާސީ ޕާޓީއަކަށްވެފައި އިންސާނުން ތިބޭ ތަނެއްގައި މައްސަލަތައް ޖެހި، އެ މައްސަލަތައް ހައްލުވާ ފަހަރުވެސް އަންނާނެ ކަމަށެވެ.

މީގެ އިތުރުން، މިހާރުގެ ސަރުކާރުން ރާއްޖޭގެ އިގްތިސާދަށް ހަދަމުންދާ ގޮތާމެދު ފައްޔާޒް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އޭނާ ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަސްލު ވައުދުތައް ފުއްދޭނެ ތަނެއް މިހާރު ފެންނަން ނެތް ކަމަށެވެ. 

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0