ސިޔާސީ , ވިޔަފާރި , ޚަބަރު

ތެލަށް ޖެހިދާނެކަމުގެ އިންޒާރާއިއެކު ނަޝީދު ބުނެދެއްވީ އަޅަންވީ ފިޔަވަޅުތައް

14 މާރިޗު 2026 - 21:39
ތެލަށް ޖެހިދާނެކަމުގެ އިންޒާރާއިއެކު ނަޝީދު ބުނެދެއްވީ އަޅަންވީ ފިޔަވަޅުތައް

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެޔޮ މަދުވެ، ރާއްޖެ ތެލަށް ޖެހިދާނެ ކަމުގެ ބިރު އޮތް ކަމަށް ވިދާޅުވެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

އެމަނިކުފާނު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެމަނިކުފާނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު ރާއްޖޭގައި މިވަގުތު ތެޔޮ ރައްކާކުރެވޭނީ ގާތްގަނޑަކަށް 20 ދުވަހުގެ ސްޓޮކް ކަމަށެވެ.

ރައީސް ނަޝީދު ހިއްސާކުރެއްވި މައުލޫމާތަށް ބަލާއިރު، އެސްޓީއޯ އާއި އަމިއްލަ ސެކްޓަރު ހިމެނޭހެން ރާއްޖޭގައި ރައްކާކުރެވެނީ 70 މިލިއަން ލީޓަރުގެ ޑީސަލާއި 25 މިލިއަން ލީޓަރުގެ ޕެޓްރޯލެވެ. ރާއްޖެ ތެލަށް ޖެހުމުގެ ފުރުސަތު ބޮޑުކަމަށް ފާހަގަކުރައްވައި، މި ހާލަތުން އަރައިގަތުމަށް އަޅަން ފެންނަ މުހިންމު ފިޔަވަޅުތަކެއް އެމަނިކުފާނު ވަނީ ހުށަހަޅުއްވާފައެވެ.

ތެލުގެ ދަތިކަމުން ސަލާމަތްވުމަށް ރައީސް ނަޝީދު ވަނީ އަށް ކަމެއް ފާހަގަކުރައްވާފައެވެ. އޭގެ ތެރޭގައި ރާއްޖޭގެ އަމިއްލަ ސެކްޓަރުގައި ތެޔޮ ރައްކާކުރެވޭ މިންވަރު ދެނެގަތުމާއި، ކަރަންޓު ކަނޑާނެ ގަޑިތަކެއް ކަނޑައެޅުމުގެ އިތުރުން އެއްގަމު އުޅަނދުފަހަރު ދުއްވުން ކޮންޓްރޯލް ކުރުން ހިމެނެއެވެ.

މީގެ އިތުރުން، ސަރުކާރު އޮފީސްތަކާއި ސްކޫލްތައް ހުޅުވާފައި ހުންނަ ވަގުތު މަދުކުރުމަށާއި، އިޖުތިމާއީ ހަރަކާތްތައް މަދުކުރުމަށްވެސް އެމަނިކުފާނު ލަފާދެއްވިއެވެ. އަދި އިގްތިސާދީ ގޮތުން މުހިންމު ދާއިރާތައް ކަމަށްވާ މަސްވެރިކަމާއި، ރިސޯޓްތަކުގެ އިތުރުން އޭވިއޭޝަން ދާއިރާއަށް ބޭނުންވާ ތެޔޮ ކަށަވަރުކުރުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޚާއްޞަ ފިޔަވަޅެއްގެ ގޮތުން، ހުޅަނގު އޭޝިއާ ހުރަސްކުރަން ނުޖެހޭ ފަދަ މަތިންދާބޯޓާއި ކަނޑުބޯޓުފަހަރުގެ ރޫޓުތައް ހޯދައި، ރާއްޖެއަށް ތެޔޮ ސަޕްލައިކުރާ ލައިންތަކަށް ބަދަލު ގެނައުމަށްވެސް ރައީސް ނަޝީދު ވަނީ އިރުޝާދު ދެއްވާފައެވެ.

މިއީ ދުނިޔޭގެ މަސްރަޙަށް އަންނަ ބަދަލުތަކާއެކު ރާއްޖޭގެ ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅިދާނެ މުހިންމު ފިޔަވަޅުތަކެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0