އެމްއޭސީއެލްއިން ޖެޓް ފިއުލް ވިއްކާ އަގު 42 އިންސައްތަ ބޮޑުކޮށްފި
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބަލަހައްޓާ އެހެން އެއާޕޯޓްތަކުގައި ޖެޓް ފިއުލް ވިއްކާ އަގު އެ ކުންފުނިން ބޮޑުކޮށްފިއެވެ.
މިއީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަމުންދާ ބަދަލުތަކާ ގުޅިގެން ގެނައި ބަދަލެކެވެ.
އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މީގެ ކުރިން 1.19 ޑޮލަރަށް ވިއްކަމުންދިޔަ ޖެޓް ފިއުލް ލިޓަރެއްގެ އަގު މިހާރު 1.69 ޑޮލަރަށް އުފުލިފައިވާ ކަމަށެވެ. މިއީ ލީޓަރަކުން 50 ސެންޓުގެ އިތުރުވުމެއް ކަމަށާއި، މިއާއެކު ޖެޓް ފިއުލްގެ އަގަށް 42 އިންސައްތައިގެ ބޮޑުވުމެއް އައިސްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
ޝަރީފް ވިދާޅުވި ގޮތުގައި ތެލުގެ އަގަށް މި ބަދަލު ގެންނަން މަޖުބޫރުވީ އީރާންގެ ހަނގުރާމައާ ގުޅިގެން މެދުއިރުމަތީގެ ހާލަތު ގޯސްވެ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް މައްޗަށް ދިއުމާ ގުޅިގެންނެވެ. މި ބަދަލާއެކު އެއާލައިންތަކުން ރާއްޖެއަށް ކުރާ ދަތުރުތަކުގެ އަގުތައް ބޮޑުވެގެންދާނެ ކަމަށް ބެލެވެއެވެ.
ދުނިޔޭގެ ބާޒާރުގެ ހާލަތަށް ބަލާއިރު، އީރާން ހަނގުރާމައާ އެކު ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު މިހާރު ވަނީ 100 ޑޮލަރަށް ވުރެ މައްޗަށް އަރާފައެވެ. އަދި ސާފުކޮށްފައި ހުންނަ ޕެޓްރޯލާއި ޑީސަލްގެ އަގު ފީފާއެއް 170 ޑޮލަރަށް ވުރެ މައްޗަށް އަރާފައިވާކަން ފާހަގަކުރެވެއެވެ.
ރާއްޖެއަށް ތެޔޮ އެތެރެކުރުމަށް ހިނގާ ހަރަދުތަކާއެކު، މިހާރު ތެޔޮ ލީޓަރެއް އެތެރެކުރަން 19 ރުފިޔާ ހަރަދުވާ ކަމަށް މައުލޫމާތު ލިބެއެވެ. އެހެންކަމުން، ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ ބާޒާރުގައި ތެޔޮ ލީޓަރެއްގެ އަގު 20 ރުފިޔާއަށް ވުރެ މައްޗަށް ދިއުމަކީ އެކަށީގެންވާ ކަމެކެވެ.
މިފަހުން އެސްޓީއޯއިން ވެސް ވަނީ ތެލުގެ އަގު ރެކޯޑް މިންވަރަކަށް ބޮޑުކޮށްފައެވެ. އެގޮތުން ޕެޓްރޯލް ލީޓަރަކުން 18.6 އިންސައްތަ އަދި ޑީސަލް ލީޓަރަކުން 26 އިންސައްތަ ވަނީ ބޮޑުކޮށްފައެވެ. މިހާރު އެސްޓީއޯއިން ޕެޓްރޯލް ލީޓަރެއް 16.01 ރުފިޔާއަށް ވިއްކާއިރު، ޑީސަލް ލީޓަރެއް ވިއްކަނީ 17.54 ރުފިޔާއަށެވެ.






ރިއެކްޓް