ކައުންސިލް އިންތިޚާބުގެ އޮބްޒާވަރުންގެ ގޮތުގައި ކުރިމަތިލާން އިތުރު ފުރުސަތެއް!
މިއަހަރުގެ އެޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް ތައްޔާރުވަމުންދާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ އިތުރުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓުގައި އޮބްޒާވަރުންގެ ގޮތުގައި ހަރަކާތްތެރިވުމަށް އިތުރު ފުރުސަތެއް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ހުޅުވާލައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ހާމަކުރި ގޮތުގައި، އޮބްޒާވަރުންގެ ގޮތުގައި ކުރިމަތިލުމަށް އިތުރު މުއްދަތެއް ދޭން ނިންމީ، އެކަމަށް އެދި ސިޔާސީ ޕާޓީތަކުން އެ ކޮމިޝަނަށް ހުށަހަޅާފައިވާތީއެވެ. މި ނިންމުމުގެ މައިގަނޑު މަގުސަދަކީ ވީހާވެސް ގިނަ ފަރާތްތަކަށް އިންތިހާބު އޮބްޒާވްކުރުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށް އެ ކޮމިޝަނުން ބުނެއެވެ.
އީސީން ބުނި ގޮތުގައި މި ފުރުސަތު ހުޅުވާލާފައިވަނީ މިއަދު ހެނދުނުން ފެށިގެން މާދަމާ ރޭގެ 12:00 އާ ހަމައަށެވެ. މި މުއްދަތުގެ ތެރޭގައި އޮބްޒާވަރުންގެ ގޮތުގައި ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފޯމު ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ.
އޮބްޒާވަރަކަށް ވުމަށް އެދޭ ފަރާތްތަކަކީ އުމުރުން 18 އަހަރު ފުރިފައިވާ ދިވެއްސަކަށް ވާންޖެހެއެވެ. އަދި ޖިނާއީ ކުށެއްގެ ހުކުމް ތަންފީޒު ކުރެވެމުންދާ މީހަކަށް ވެގެން ނުވާނެއެވެ. މީގެ އިތުރުން، ސިޔާސީ ޕާޓީތައް ފިޔަވައި މަދަނީ ޖަމިއްޔާއަކުން ނުވަތަ އަމިއްލަ ގޮތުން ކުރިމަތިލާ ފަރާތެއްނަމަ، އެއްވެސް ސިޔާސީ ޕާޓީއެއްގެ ދަފްތަރުގައި ހިމެނޭ މީހަކަށް ވެގެން ނުވާނެ ކަމަށްވެސް ޝަރުތުތަކުގައި ބަޔާންކޮށްފައިވެއެވެ.
އަދި އިންތިހާބާ ގުޅޭ އެއްވެސް މަސައްކަތެއް ކުރުމަށް އިލެކްޝަންސް ކޮމިޝަނާ ހަވާލުވެގެން ހުރި މީހަކަށް ވެގެން ނުވާނެއެވެ. މީގެ އިތުރުން ކޮމިޝަނުން ކަނޑައަޅާފައިވާ ސުލޫކީ މިންގަނޑަށް އަމަލުކުރުމަށް އިގުރާރުވާން ޖެހޭނެއެވެ. އަދި ފާއިތުވި 5 އަހަރު ތެރޭގައި ސުލޫކީ މިންގަނޑާ ހިލާފުވެގެން ފިޔަވަޅެއް އަޅާފައިވާ ނުވަތަ އިންތިހާބީ ކުށެއް ސާބިތުވެފައިވާ މީހަކަށް ވެގެން ނުވާނެއެވެ.
އޮބްޒާވަރުންގެ ގޮތުގައި ކުރިމަތިލުމަށް އެދި ފޯމު ހުށަހެޅޭނީ ސިޔާސީ ޕާޓީތަކަށާއި، ޖަމިއްޔާ ޖަމާއަތްތަކުގެ އިތުރުން އަމިއްލަ ފަރާތްތަކަށެވެ. ސިޔާސީ ޕާޓީތަކުން އޮބްޒާވަރުން ހުށަހަޅާނީ "ސިމެދަ" ޕޯޓަލް މެދުވެރިކޮށެވެ. ޖަމިއްޔާ ޖަމާއަތްތަކުން އެ ޖަމިއްޔާއަކުން ކަނޑައަޅާ ލިއޭޒަންއެއް މެދުވެރިކޮށް މައި ޕޯޓަލުން ފޯމު ހުށަހަޅާއިރު، އަމިއްލަ ގޮތުން ކުރިމަތިލާ ފަރާތްތަކަށްވެސް އީސީގެ މައި ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅޭނެއެވެ.
އިލެކްޝަންސް ކޮމިޝަނުން އިތުރަށް ވިދާޅުވީ، އޮބްޒާވަރުންގެ ފާސް ދޫކުރެވޭނީ ކޮންމެ ޕާޓީއަކަށް ނުވަތަ ޖަމިއްޔާއަކަށް، އިންތިހާބުގައި ބަހައްޓާ ވޯޓު ފޮށީގެ ޖުމްލަ އަދަދަށްވުރެ ދިހައެއް އިންސައްތަ އިތުރުނުވާ ގޮތަށެވެ. އަދި ވޯޓުލާ މަރުކަޒެއްގެ ތެރޭގައި އެއްވަގުތެއްގައި ހަރަކާތްތެރިވެވޭނީ ކޮންމެ ފަރާތަކުންވެސް އެއް އޮބްޒާވަރަކަށެވެ.






ރިއެކްޓް