ސިޔާސީ , ވިޔަފާރި , ޚަބަރު

ތެލާއި ގޭސް ލިބުމުގައި އެއްވެސް ދަތިކަމެއް ނެތް: ޒަމީރު

12 މާރިޗު 2026 - 18:04
ތެލާއި ގޭސް ލިބުމުގައި އެއްވެސް ދަތިކަމެއް ނެތް: ޒަމީރު

ރާއްޖެއަށް ތެލާއި ގޭސް ލިބުމުގައި އެއްވެސް ދަތިކަމެއް ނެތްކަމަށް މާލީ ވަޒީރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެއެވެ.

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން އެކުލަވާފައިވާ ކޮމެޓީން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޒަމީރު ވިދާޅުވީ، ރާއްޖެއަށް ބޭނުންވާ ތެޔޮ އިމްޕޯޓް ކުރުމާއި، ކާނާ އާއި ބޭހުގެ އިތުރުން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ފޮނުވަންޖެހޭ ފައިސާގެ ކަންކަން އެއްވެސް ދަތިކަމެއް ނެތި ކުރިއަށްދާ ކަމަށެވެ. އަދި ރާއްޖޭގެ ރިޒާވް ބެލެހެއްޓުމުގެ މަސައްކަތްވެސް ހަރުދަނާކަމާއެކު ކުރެވެމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް އުފުލިފައިވާކަން ފާހަގަކުރައްވަމުން ޒަމީރު ވިދާޅުވީ، ހަނގުރާމަ ފެށުނުއިރު ހުރި އަގަށްވުރެ މިހާރު ތެލުގެ އަގު ގާތްގަނޑަކަށް ދެގުނަ ބޮޑުވެފައިވާ ކަމަށެވެ. "ތެލާއި ގޭހަށް ބަލާކަމުގައިވާ ނަމަ، އަޅުގަނޑުމެންނަށް އެއްވެސް ދަތިކަމެއް ނެތި އެބަ ހުއްޓޭ، އެކަމަކު ތެލުގެ އަގު ވަރަށް ބޮޑުތަނުން މައްޗަށް ގޮސްފި،" ވަޒީރު ވިދާޅުވިއެވެ.

ޒަމީރު އިތުރަށް ވިދާޅުވީ، ސަރުކާރުގެ ވިސްނުންފުޅަކީ އާންމު ރައްޔިތުންނާއި ވިޔަފާރިތަކަށް މިކަމުގެ ބުރަ ބޮޑުނުވާނެ ގޮތަކަށް ކަންކަން ރޭވުން ކަމަށެވެ. އެގޮތުން އެސްޓީއޯއަށް ލިބޭ ފައިދާގެ ތެރެއިން ބައެއް ކްރޮސް ސަބްސިޑައިޒްކޮށްގެން އަގުތައް އެބްޒޯބް ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެސްޓީއޯއިން އެންމެ ފަހުން އަގަށް ބަދަލު ގެނައީވެސް މާކެޓުގެ އަގަށް އައި ބަދަލަށްވުރެ ކުޑަކޮށް ކަމަށް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ހާރިޖީ ވަޒީރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވީ، ރާއްޖެއަށް ތެޔޮ ގެންނަ މައިގަނޑު ސަރަހައްދަކީ މެދުއިރުމަތި ކަމަށްވުމާއެކު، އެ ސަރަހައްދުގެ ހާލަތަށް ބަލައި އިތުރު މަގުތަކުން ތެޔޮ ލިބޭނެ ގޮތްތައް ކަށަވަރު ކުރަމުންދާ ކަމަށެވެ. މިއީ ވަކި ގައުމަކަށް ބަރޯސާވުން ކުޑަކޮށް، ތެލުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0