ރާއްޖެއަށް އެންމެ ގިނައިން ތެޔޮ އެތެރެކުރާ، އޮމާންގެ ތެޔޮ ގުދަނަކަށް ޑްރޯން ހަމަލާއެއް!
އޮމާންގެ ސަލާލާ ބަނދަރުގައި ހުންނަ ތެޔޮ ރައްކާކުރާ މަރުކަޒުތަކަކަށް އަމާޒުކޮށް ޑްރޯން ހަމަލާތަކެއް ދީފި އެވެ. މީގެ ސަބަބުން ހާއްސަކޮށް ރާއްޖެ ފަދަ، އިމްޕޯޓްކުރާ ތެލަށް ބޮޑަށް ބަރޯސާވާ ގައުމުތަކަށް އޭގެ އަސަރުކޮށްފާނެކަމުގެ ބިރު ވަނީ ހީވެފަ އެވެ.
ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ބުދަ ދުވަހު އެ ބަނދަރުގައި ހުރި ތެޔޮ ރައްކާކުރާ ތަންތަނަށް ޑްރޯން ހަމަލާތަކެއް އެރުމުގެ ސަބަބުން އެތަނުގައި ވަނީ އަލިފާން ރޯވެފަ އެވެ. ކަމާބެހޭ ފަރާތްތަކުން ބުނި ގޮތުގައި ކުއްލި ހާލަތްތަކުގައި ހަރަކާތްތެރިވާ ޓީމުތަކުން ވަނީ ވަގުތުން އެ ސަރަހައްދަށް ގޮސްފަ އެވެ. އަދި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަމުގެ ނުވަތަ ބަނދަރުގައި ބަނދަރުކޮށްފައި ހުރި ވިޔަފާރި އުޅަނދުތަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް މިހާތަނަށް ލިބިފައެއް ނުވެ އެވެ.
މި ހަމަލާ ދީފައިވަނީ އީރާނާއި، އެމެރިކާ އަދި އިސްރާއީލާ ދެމެދު މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތައް އިތުރުވަމުންދާ ދަނޑިވަޅެއްގަ އެވެ. މި ހަމަނުޖެހުންތަކުގެ ތެރެއިން މީގެ ކުރިންވެސް ހަކަތައިގެ ވަސީލަތްތަކަށާއި ކަނޑުދަތުރުފަތުރު ކުރާ މަގުތަކަށް އަމާޒުކޮށް އެކި ހަމަލާތައް ވަނީ ދީފަ އެވެ.
ސަލާލާ ބަނދަރަކީ އަރަބި ކަނޑުގެ ހަކަތައާއި ލޮޖިސްޓިކްސްގެ އެންމެ މުހިންމު އެއް މަރުކަޒެވެ. އަދި އޮމާނަކީ ރާއްޖެއަށް ބޭނުންވާ ތެލުގެ ބާވަތްތައް އެންމެ ގިނައިން ފޯރުކޮށްދޭ އެއް ގައުމެވެ. ރާއްޖެއަކީ ކަރަންޓު އުފެއްދުމަށާއި، ދަތުރުފަތުރަށާއި ވައިގެ ދަތުރުފަތުރަށް ބޭނުންވާ ގާތްގަނޑަކަށް ހުރިހާ ތެލެއް އިމްޕޯޓްކުރާ ގައުމެކެވެ.
ލިބުނު ގެއްލުމުގެ ފުރިހަމަ ތަފްސީލު އަދި ސާފުނުވި ނަމަވެސް، މާހިރުން ވިދާޅުވާ ގޮތުގައި އޮމާންގެ ތެޔޮ ރައްކާކުރާ ނިޒާމަށް ނުވަތަ ބަނދަރުގެ އިންފްރާސްޓްރަކްޗަރަށް ލިބޭ ކޮންމެ ބުރޫއަކީ ދުނިޔޭގެ ހަކަތައިގެ ބާޒާރަށާއި، ތެލަށް ބަރޯސާވާ ކުދި ގައުމުތަކަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމެކެވެ. ތެޔޮ ލިބުމަށް ހުރަސްއެޅިދާނެ ކަމުގެ ބިރަށް، ފާއިތުވި ދުވަސްތަކުގައި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ އުފުލެން ފަށާފަ އެވެ.
މި ހާދިސާގެ ސަބަބުން ރާއްޖެއަށް ތެޔޮ ގެނައުމަށް އެއްވެސް އަސަރެއް ކޮށްފާނެތޯ ރާއްޖޭގެ ކަމާބެހޭ ފަރާތްތަކުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް، ރާއްޖެއަކީ އިމްޕޯޓްކުރާ ތެލަށް ބަރޯސާވާ ގައުމަކަށް ވާތީ، މި ހާލަތު ވަރަށް ގާތުން ބަލަމުންދާނެ ކަމަށް މާހިރުން ލަފާކުރެ އެވެ.






ރިއެކްޓް