މިހާތަނަށް މަޖިލީހުގެ ތާއީދު ނުލިބި، ރައީސަކު ބޭނުންވާކަމެއް ނުވެ ނޯންނާނެ: އަލީ ހުސެއިން
ރާއްޖޭގައި މިހާތަނަށް ރައްޔިތުންގެ މަޖިލީހުގެ ތާއީދު ނުލިބިގެން ރައީސުލްޖުމްހޫރިއްޔާއަކު ބޭނުންފުޅުވާ ކަމެއް ނުވެ ނޯންނާނެ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު އެއްކޮށް ބޭއްވުމާ ދެކޮޅަށް ކުރީގެ މަޖިލިސް މެންބަރު އަލީ ހުސެއިން ވާހަކަދައްކަވައިފި އެވެ.
ދެ އިންތިހާބު އެއްކުރުމާ ދެކޮޅަށް މީސްމީޑިއާގައި ޕޯސްޓުކުރި ވީޑިއޯއެއްގައި އަލީ ހުސެއިން ވިދާޅުވީ، ސަރުކާރުން ހުށަހަޅާ ކަންކަމަކީ ރައްޔިތުންނަށް ފައިދާހުރި ކަންކަން ކަމުގައިވާނަމަ، މަޖިލީހުގެ މެޖޯރިޓީ ނެތް ހާލަތްތަކުގައި ވެސް އެކަންކަން ފާސްވެފައިވާ ކަމަށެވެ. މިކަމަށް މިސާލު ދައްކަވަމުން އޭނާ ވިދާޅުވީ ވޭތުވެދިޔަ 17 އަހަރު ތެރޭގައި ރާއްޖޭގައި ކުރެވުނު އެންމެ ބޮޑު އެއް މަސައްކަތަކީ ޓެކްސްގެ ނިޒާމު ގާއިމުކުރުން ކަމަށެވެ.
"އެ ވަގުތަކު ހަމަ ގައިމުވެސް އޭރުގެ ސަރުކާރަށް ނިސްބަތްވާ ބޮޑު މެޖޯރިޓީއެއް ނެތް. އެހެން ނަމަވެސް އެ ކަމަކީ ރަނގަޅުކަމަކަށްވާތީވެ ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެމްބަރުންވެސް ވޯޓު ދީގެން އެކަން އޮތީ ފާސްވެފަ،" އަލީ ހުސެއިން ވިދާޅުވި އެވެ.
މީގެ އިތުރުން، ދެ އިންތިހާބު އެއްކޮށް ބޭއްވުމުން ނުކުމެދާނެ ނަތީޖާއާ މެދު ކަންބޮޑުވުން ފާޅުކުރައްވަމުން އަލީ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާއާއި މަޖިލިސް މެންބަރުން އަތުގުޅާލައިގެން ތިބެ ބާއްވާ އިންތިހާބަކުން ހޮވޭ ބައެއްގެ މެދުގައި ޒިންމާދާރުކުރުވުމާއި ޖަވާބުދާރީކުރުވުމުގެ ރޫހެއް ނޯންނާނެ ކަމަށެވެ. މިއީ ދައުލަތުގެ ބާރުތައް ވަކިވެފައި އޮތުމުގެ އަސާސާ ހިލާފު ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.
އަލީ ހުސެއިން އިތުރަށް ތުހުމަތު ކުރެއްވި ގޮތުގައި، މިހާރު މި އުޅެނީ ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވާ ކަމެއް ނުކުރެވިގެންނެއް ނޫނެވެ. އޭގެ ބަދަލުގައި މި މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ދިގު ރަސްކަމެއް ކުރެއްވުމަށް ކުރައްވާ މަސައްކަތެއް ކަމަށް އޭނާ ވިދާޅުވި އެވެ.






ރިއެކްޓް