ޚަބަރު , ވިޔަފާރި

ބީއެމްއެލްގެ ފައިސާ ފޭރުނު މައްސަލާގައި 8 މީހަކަށް ދައުވާކޮށްފި

11 މާރިޗު 2026 - 17:21
ބީއެމްއެލްގެ ފައިސާ ފޭރުނު މައްސަލާގައި 8 މީހަކަށް ދައުވާކޮށްފި

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހުންނަ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އެކްސްޗޭންޖް ކައުންޓަރަށް ގެންދިޔަ ގިނަ އަދަދެއްގެ ބޭރު ފައިސާ ވަޅިން ބިރުދައްކައި ފޭރުނު މައްސަލާގައި 8 މީހެއްގެ މައްޗަށް ދައުވާކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މި މައްސަލާގައި ދައުވާތައް ހުށަހަޅާފައިވަނީ ފެބްރުވަރީމަސް ތެރޭގައެވެ.

މި ހާދިސާ ހިނގާފައިވަނީ 27 އޮކްޓޫބަރު 2025 ދުވަހުގެ ހަވީރު 4:15 އެހައިކަށްހައިއިރުއެވެ. އެއަރޕޯޓުގެ އައު ޓަރމިނަލްގެ ގޭޓް 1 ގެ ކުރިމަތީގައި ބީއެމްއެލްގެ ދެ މުވައްޒަފަކު ފައިސާ އަޅާފައިވާ ސޫޓްކޭސްއަކާއެކު ތިއްބައި، ވަޅިން ބިރުދައްކައި އެ ފައިސާތައް ވަނީ ފޭރިގަނެފައެވެ. މި ސޫޓްކޭސްގައި އެކި ގައުމުތަކުގެ ގިނަ އަދަދެއްގެ ފައިސާ ހުއްޓެވެ. އޭގެ ތެރޭގައި 106,120 ޔޫއެސް ޑޮލަރާއި، 4,900 ޔޫރޯއާއި، 334,000 ޖަޕަނީސް ޔެންގެ އިތުރުން އިނގިރޭސި ޕައުންޑާއި އެހެނިހެން ބޭރު ފައިސާ ހިމެނެއެވެ.

މި މައްސަލާގައި އެންމެ އިސްކޮށް އުޅުނު ތ. ވިލުފުށި، އެހީވާގެ، އަޙްމަދު މާޙިދުގެ މައްޗަށް ތިން ދައުވާއެއް ވަނީ އުފުލާފައެވެ. އެއީ ފޭރުމުގެ ކުށުގެ ދައުވާއާއި، ތޫނުއެއްޗެއް ބޭނުންކޮށްގެން މީހަކަށް ބިރުދެއްކުމުގެ ދައުވާއާއި، މަޤްބޫލު ސަބަބެއްނެތި ޢާންމު ތަނެއްގައި ތޫނުއެއްޗެއް ގެންގުޅުމުގެ ކުށުގެ ދައުވާއެވެ. މީގެ އިތުރުން ސ. ހިތަދޫ، ވަށަގުލިމާގެ، ޢަލީ އަފްޒަލްގެ މައްޗަށް ފޭރުމުގެ ދައުވާއާއި ތޫނުއެއްޗަކުން ބިރުދެއްކުމުގައި ބައިވެރިވުމުގެ ދައުވާ ވަނީ އުފުލާފައެވެ.

މި މައްސަލާގައި ފޭރުމުގައި ބައިވެރިވުމުގެ ދައުވާ އުފުލާފައިވާ އެހެން މީހުންނަކީ ގއ. ވިލިނގިލި، ބިނާ، ޢަބްދުލްއައްވަލް އިބްރާހީމް އަބޫބަކުރާއި، ކ. ގުރައިދޫ، އަޅިވިލާގެ، ޙުސައިން ޝަހުދުއާއި، ލ. މާވައް، ރޭޝަމް، މާޒިން މޫސާއާއި، މ. ކޯރަސް، އަޙްމަދު ރައިހާން ނަޢީމްއާއި، ކ. ގުރައިދޫ، އަޅިވިލާގެ، އިބްރާހީމް އަނޫފްގެ އިތުރުން ރ. މަޑުއްވަރި، މީޒާން، އިސްމާޢީލް ސިރްހާންއެވެ.

ޕީޖީ އޮފީހުން ބުނި ގޮތުގައި މި މީހުންގެ މައްޗަށް ދައުވާކުރީ ކުށުގެ އަމަލު ފުރިހަމަކުރުމުގައި އެކި ގޮތްގޮތުން ބައިވެރިވެ އެހީތެރިވެފައިވާތީއެވެ. އަދި މި ހާދިސާގެ ސަބަބުން ބޭންކް އޮފް މޯލްޑިވްސްއަށް ލިބުނު ގެއްލުމުގެ ބަދަލު ނަގައިދިނުމަށްވެސް ދައުލަތުން ވަނީ އެދިފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0