ސިޔާސީ , ޚަބަރު

ކައުންސިލް އިންތިޚާބުގައި ވޯޓުދިނުމުގެ ޙައްގު 294،876 މީހުންނަށް

11 މާރިޗު 2026 - 13:10
ކައުންސިލް އިންތިޚާބުގައި ވޯޓުދިނުމުގެ ޙައްގު 294،876 މީހުންނަށް

އަންނަ މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގެ އިތުރުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓުގައި ޖުމްލަ 294،876 މީހުންނަށް ވޯޓުލުމުގެ ޙައްގު ލިބިގެންވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ. މިކަން ހާމަކޮށްފައިވަނީ އެ ކޮމިޝަނުން މިހާރު އާންމުކޮށްފައިވާ ވޯޓުލެވޭ މީހުންގެ ދާއިމީ ލިސްޓުގައެވެ.

އިލެކްޝަންސް ކޮމިޝަނުން އެންމެ ފުރަތަމަ އާންމުކުރި ވަގުތީ ލިސްޓުގައިވާ ގޮތުން ރާއްޖޭގައި 18 އަހަރުން މަތީގެ 294,937 މީހުންނަށް ވޯޓުލުމުގެ ޙައްގު ލިބިފައިވެއެވެ. ނަމަވެސް، އެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި ލިބުނު ޝަކުވާތަކަށް ރިޢާޔަތްކޮށް ގެނައި ބަދަލުތަކާއެކު، ދާއިމީ ލިސްޓުން ވަނީ 61 މީހަކު އުނިވެފައެވެ.

އެޕްރީލް މަހުގެ 4 ވަނަ ދުވަހު ބާއްވާ މި އިންތިޚާބުތަކުގައި ވޯޓުލުމުގެ ޙައްގު ލިބިފައިވާ މީހުންގެ ތެރޭގައި ހިމެނެނީ 150،370 ފިރިހެނުންނާއި 144،506 އަންހެނުންނެވެ.

މި އިންތިޚާބުގައި ވޯޓުލުމަށްޓަކައި ޖުމްލަ 588 ވޯޓު ފޮށި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • މާލޭގައި 180 ފޮށި
  • ހުޅުމާލޭގައި 51 ފޮށި
  • ވިލިމާލޭގައި 9 ފޮށި
  • އަތޮޅުތަކުގައި 322 ފޮށި
  • ރިސޯޓުތަކުގައި 21 ފޮށި
  • ޖަލުތަކުގައި 5 ފޮށި

އިލެކްޝަންސް ކޮމިޝަނުން ބުނި ގޮތުގައި، ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލި ފުރުސަތުގައި ރާއްޖޭން ބޭރުގެ ގައުމުތަކާއި ސިނާއީ މަސައްކަތް ކުރާ ރަށްތަކުގައި ވޯޓު ފޮށި ބެހެއްޓުމަށް ބޭނުންވާ ގާނޫނީ އަދަދަށް މީހުން ރަޖިސްޓްރީވެފައި ނުވާތީ، އެ ތަންތަނުގައި މިފަހަރު ވޯޓު ފޮށި ނުބަހައްޓާނެއެވެ.

ވޯޓުލުމުގެ ޙައްގު ލިބިފައިވާ ކޮންމެ މީހަކުވެސް އެމީހަކު ރަޖިސްޓްރީވެފައިވާ ވޯޓު ފޮށީގެ މައުލޫމާތު ކުރިއާލައި ބެލުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ. އެގޮތުން VR (space) ID card number ޖެހުމަށްފަހު 1414 އަށް މެސެޖްކޮށްގެން ވޯޓުލާންޖެހޭ ފޮއްޓާއި މަރުކަޒުގެ މައުލޫމާތު ފަސޭހަކަމާއެކު ބަލައިލެވޭނެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0