ޚަބަރު , ވިޔަފާރި

ނޯތު ހާބަރުން އުޅަނދުތަކަށް ޖާގަ ދޭ އުސޫލު ބަދަލުކޮށްފީ

11 މާރިޗު 2026 - 12:30
ނޯތު ހާބަރުން އުޅަނދުތަކަށް ޖާގަ ދޭ އުސޫލު ބަދަލުކޮށްފީ

މާލޭ ނޯތު ހާބަރުގައި އަޅާ އުޅަނދުތަކަށް ޖާގަ ދިނުމުގައި އަމަލުކުރަމުންދާ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ނިންމައިފިއެވެ.

އެމްޕީއެލުން ބުނި ގޮތުގައި މި އާ އުސޫލަށް އަމަލުކުރަން ފަށާނީ އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 8:00 އިން ފެށިގެންނެވެ.

އެމްޕީއެލުން ގެނައި ބަދަލުތަކުގެ ތެރޭގައި، މުދަލާއި ޕަސެންޖަރުން އުފުލާ އުޅަނދުފަހަރު ކީވޯލަށް ދައްކަންޖެހޭ ފައިސާ ދައްކާ ނިމުމަށްފަހު ފުރާ ވަގުތުން ފެށިގެން ކިޔުގައި ނަން ނޯޓުކުރެވޭނެއެވެ. އަދި ކިޔު ތަރުތީބުން ޖާގަ ދިނުމަށް ހާބަރު އޮފީހުން ގުޅުމުން، ދެ ގަޑިއިރު ތެރޭގައި ކީވޯލަށް ކައިރި ނުކުރެވިއްޖެނަމަ ނުވަތަ ފޯނަށް ޖަވާބު ނުދީފިނަމަ، އެ އުޅަނދެއް އޭ-ޒޯން އަދި ސީ-ޒޯން ކިޔުއިން ވަގުތީގޮތުން "ހޯލްޑް" ކުރެވޭނެއެވެ.

މިގޮތަށް "ހޯލްޑް" ކުރެވޭ އުޅަނދުތައް އަލުން ކިޔުއަށް އިތުރުކުރެވޭނީ އުޅަނދު މާލެ ސަރަހައްދަށް ވަނުމަށްފަހު އޮފީހަށް ގުޅައި އެކަމަށް އެދުމުންނެވެ. އަދި "އަންހޯލްޑް" ކުރާތާ ދެ ގަޑިއިރު ފަހުން ޖާގައަކަށް ގުޅުމުންވެސް ކައިރި ނުކުރެވިއްޖެނަމަ، މިގޮތަށް ފަސްކޮށްދެވޭނީ ގިނަވެގެން ތިން ފަހަރަށެވެ. ހަތަރުވަނަ ފަހަރު ކިޔުއިން ކެންސަލްވާނެ ކަމަށް އެމްޕީއެލުން ބުނެއެވެ.

އެކްސްޕްރެސް ކިޔުއަށް ގެނައި ބަދަލުތަކަށް ބަލާއިރު، އެ ކިޔުގައި "ހޯލްޑް" ނުވަތަ "ޕޯސްޓްޕޯން" ކުރުމުގެ ފުރުސަތެއް ނޯންނާނެއެވެ. އެކްސްޕްރެސް ކިޔުއިން ޖާގަ ހުސްވެގެން ގުޅުމުން ކައިރިކުރުމަށް ލިބޭނީ ހަތަރު ގަޑިއިރެވެ. އެ ވަގުތުގެ ތެރޭގައި ކީވޯލް ޗާޖް ހިނގާނެ ކަމަށާއި، އެ މުއްދަތުގައި ކައިރި ނުކުރެވިއްޖެނަމަ ކިޔުއިން ކެންސަލްވާނެ ކަމަށްވެސް އެމްޕީއެލުން މައުލޫމާތުދެއެވެ.

މީގެ އިތުރުން، އޭ-ޒޯން އަދި ސީ-ޒޯން ކިޔުގައި "ހޯލްޑް" ކޮށްފައި ބޭއްވޭނީ ގިނަވެގެން 5 ދުވަސް ނުވަތަ 120 ގަޑިއިރަށެވެ. އެ މުއްދަތު ހަމަވުމުން ކިޔުއިން އުޅަނދު އުނިކުރެވޭނެއެވެ. އެމްޕީއެލުން ބުނީ ފުރުމަށްފަހު ކިޔުގައި ނަން ނޯޓުކުރުމާއި، ކެންސަލްވުމުން އަލުން ނަން ނޯޓުކުރުމަކީ އުޅަނދުތަކުގެ އަމިއްލަ ޒިންމާއެއް ކަމަށެވެ.

ބޮޑުތަކުރުފާނު މަގު ހެދުމުގެ މަސައްކަތަށްފަހު ނޯތު ހާބަރު ސަރަހައްދު މިދިޔަ މަހު އަލުން ބޭނުންކުރަން ފަށާފައިވާއިރު، އެ ސަރަހައްދުގެ އޭ-ޒޯނަށް ފެނާއި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތްވެސް އެމްޕީއެލުން މިހާރު ދަނީ ކުރަމުންނެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0