ސިޔާސީ , ޚަބަރު

ގާނޫނު އަސާސީއަކީ ފަސް އަހަރު ދުވަހުގެ މުއްދަކަށް އިންތިހާބުކުރާ މީހެއްގެ މިލްކެއް ނޫން: ޑރ. ޑީޑީ

11 މާރިޗު 2026 - 11:55
ގާނޫނު އަސާސީއަކީ ފަސް އަހަރު ދުވަހުގެ މުއްދަކަށް އިންތިހާބުކުރާ މީހެއްގެ މިލްކެއް ނޫން: ޑރ. ޑީޑީ

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށް ގެނެވުނު އަށްވަނަ އިސްލާހާ ގުޅޭގޮތުން ކުރީގެ އުއްތަމަ ފަނޑިޔާރު އަދި ދުސްތޫރީ ގާނޫނު ދިރާސާކުރައްވާ ޑރ. އަހުމަދު އަބްދުﷲ ދީދީ (ޑރ. ޑީޑީ) ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ދެ އިންތިހާބު އެއްކޮށްލުމާ ދެކޮޅަށް މީސް މީޑިއާގައި ޕޯސްޓުކުރި ވީޑިއޯއެއްގައި ވާހަކަފުޅު ދައްކަވަމުން ޑޜ. ޑީޑީ ވިދާޅުވީ ގާނޫނުއަސާސީއަކީ މުޅި ރައްޔިތުންގެ މިލްކެއް ކަމަށާއި، އެއީ ފަސް އަހަރުގެ މުއްދަތަށް އިންތިހާބުކުރެވޭ ވަކި ފަރުދެއްގެ މިލްކެއް ނޫން ކަމަށެވެ.

ސަރުކާރުގެ ފަރާތުން ހުށަހެޅި މި އިސްލާހަކީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމަށާއި، މިހާރު ހިނގަމުންދާ މަޖިލީހުގެ އުމުރު ފަސް އަހަރު ހަމަވުމުގެ ކުރިން ނިމުމަކަށް ގެނައުމަށް ހުށަހަޅާފައިވާ އިސްލާހެކެވެ. ޑީޑީ ފާހަގަކުރެއްވި ގޮތުގައި މި އިސްލާހަކީ އޭގެ ދުސްތޫރީ ޝަރީއަތް އެތައް ގޮތަކުން ގެއްލިފައިވާ ބަދަލެކެވެ.

ގާނޫނުއަސާސީއަކީ އޭގެ ޒާތުގައިވެސް "ރިޖިޑް" ނުވަތަ ބަދަލުކުރަން އުނދަގޫ އެއްޗެއްކަން ފާހަގަކުރައްވަމުން ޑީޑީ ވިދާޅުވީ، ގާނޫނުއަސާސީގެ ނައްސުތަކާއި ދުސްތޫރީ އުސޫލުތައް ބަދަލުކުރެވޭނީ ކަނޑައެޅިފައިވާ ހާއްސަ އިޖުރާއަތެއްގެ ދަށުން ކަމަށެވެ. އާދައިގެ ގާނޫނުތައް އިސްލާހުކުރާ ބީދައިން ދުސްތޫރީ ނައްސުތައް ބަދަލުކުރުމަކީ ހުއްދަވެގެންވާ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

"ގާނޫނުއަސާސީގެ ބާރަ ވަނަ ބާބުގައި އިސްލާހު ގެނައުމުގެ އިޖުރާއަތު ބަޔާންކޮށްފައި އޮތުމުން، މަޖިލީހުގެ އަޣްލަބިއްޔަތު އޮތް ކޮންމެ ފަހަރަކު ލެޖިޓިމޭޓް ސަބަބެއް ނެތި ބަދަލު ގެނައުމަކީ ކުރެވޭނެ ކަމެއް ކަމަށް ހީކުރުމަކީ ކުށްހީއެއް،" ޑީޑީ ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ ޝަހުސީ މަސްލަހަތުތަކަށް އިސްކަންދީގެން މިފަދަ އިސްލާހުތައް ހުށަހެޅުމަކީ ބާތިލު ކަމެއް ކަމަށެވެ.

އިންތިހާބުތައް އެއްކޮށް ބޭއްވުމަށް ސަރުކާރުން ދައްކާ އެންމެ ބޮޑު ސަބަބަކީ ހަރަދު ކުޑަކުރުން ކަމަށްވީ ނަމަވެސް، ޑީޑީ ވިދާޅުވީ އެއީ އިންތިހާބުތަކާއި ޤާނޫނުގައި ކަނޑައެޅިފައިވާ މުއްދަތުތަކަށް ޖައުހަރީ ބަދަލެއް ގެންނަންޖެހޭ ފަދަ ގާނޫނީ ސަބަބެއް ނޫން ކަމަށެވެ. ގާނޫނުއަސާސީގައި ބަޔާންކުރާ ދައުލަތުގެ ބާރުތަކާއި، ޗެކްސް އެންޑް ބެލެންސަސްގެ އުސޫލުތަކަށް ބަދަލު ގެނެވޭނީ ހަމައެކަނި ފަންޑަމެންޓަލް ބަދަލުތަކެއް އައުމުން ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

މި އިސްލާހުގެ ސަބަބުން ގާނޫނުއަސާސީގެ ބާރު ކަނޑުވާލުމުގެ ފުރުސަތު އޮތްކަމަށް ބުނެ، ދުސްތޫރީ މާހިރުން އަންނަނީ މިކަމާ މެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ. ޑީޑީގެ ވާހަކަ ނިންމާލަމުން ވިދާޅުވީ، ގާނޫނީ ދައުލަތެއްގެ އެންމެ މުހިންމު ރުކުނަކީ ގާނޫނުއަސާސީ ކަމަށްވާއިރު، އެއަށް ބަދަލު ގެނައުމުގައި ރައްޔިތުންގެ ސިޔާދަތަށް އިހުތިރާމްކުރަންޖެހޭނެ ކަމަށެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0