ސިޔާސީ , ޚަބަރު

ހަރަދު ކުޑަކުރުމަކީ އިންތިހާބުތަކަށް ބަދަލު ގެނައުމަށް ލެޖިޓިމޭޓް ސަބަބެއް ނޫން: ޑރ. ޑީޑީ

10 މާރިޗު 2026 - 21:33
ހަރަދު ކުޑަކުރުމަކީ އިންތިހާބުތަކަށް ބަދަލު ގެނައުމަށް ލެޖިޓިމޭޓް ސަބަބެއް ނޫން: ޑރ. ޑީޑީ

ދައުލަތުގެ ހަރަދު ކުޑަ ކުރުމަށްޓަކައި ގާނޫނު އަސާސީގައި ބަޔާންކުރާ އިންތިހާބުތަކަށް އިސްލާހު ގެނެސް ބަދަލު ކުރުމަކީ އެކަމަށް ޖައުހަރީ ބަދަލުތަކެއް ގެންނަން އޮތް ލެޖިޓިމޭޓް ނުވަތަ ގާނޫނީ ގޮތުން ފުރިހަމަ ސަބަބެއް ނޫން ކަމަށް ވިދާޅުވެ، ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ސަރުކާރަށް ފާޑުވިދާޅުވެއްޖެ އެވެ.

ދެ އިންތިހާބު އެއްކޮށްލުމާ ދެކޮޅަށް މީސް މީޑިއާގައި ޕޯސްޓުކުރި ވީޑިއޯއެއްގައި ޑރ. ޑީޑީ ވިދާޅުވީ، ދެ އިންތިހާބު އެއްކޮށްލުމަށް ހުށަހަޅާފައިވާ އިސްލާހަކީ އެތައް ގޮތަކުން އޭގެ ދުސްތޫރީ ޝަރީއަތު ގެއްލިފައިވާ ކަމެއް ކަމަށެވެ. އަދި 2008 ވަނަ އަހަރު ފާސްކުރި ގާނޫނު އަސާސީއަކީ "ރިޖިޑް" ނުވަތަ ފަސޭހައިން ބަދަލުނުކުރެވޭނެ ފަދަ ހަރުދަނާ ގާނޫނު އަސާސީއެއްކަން އޭނާ ފާހަގަކުރެއްވި އެވެ.

ޑރ. ޑީޑީ އިތުރަށް ވިދާޅުވީ، ގާނޫނު އަސާސީގައި ކަނޑައެޅިފައިވާ ދުސްތޫރީ ޕްރިންސިޕަލްތަކަށް ބަދަލު ގެނެވޭނީ ކަނޑައެޅިފައިވާ ހާއްސަ އިޖުރާއަތްތަކެއްގެ ދަށުން ކަމަށެވެ. ވަކިން ހާއްސަކޮށް ދައުލަތުގެ ބާވަތާއި، ވެރިކަމުގެ ނިޒާމާއި، ރައްޔިތުންގެ ސިޔާދަތުގެ އިތުރުން ދައުލަތުގެ ބާރުތައް ބެހިގެންވާ ގޮތާއި އެ ބާރުތަކުގެ އިހްތިސާސްތަކަށް ބަދަލު ގެންނަންވާނީ މައުޞޫއީ މިންގަނޑަކުން ކަމަށް އޭނާ ވިދާޅުވި އެވެ.

"ޗެކްސް އެންޑް ބެލެންސްގެ އުސޫލުން އެއް ބާރު އަނެއް ބާރާއި އޮންނަ ގުޅުމާއި، މި ބާވަތުގެ މާއްދާތަކަށް އިސްލާހުތަށް ހުށަހަޅަންވާނީ ވަރަށް ބޮޑަށް ބަލައިގެން،" ޑރ. ޑީޑީ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ސަރުކާރަށް އޮތުމުން، ގާނޫނީ ގޮތުން އެކަށީގެންވާ ސަބަބެއް ނެތަސް ގާނޫނުތައް ބަދަލުކުރެވިދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ހީވެފައި އޮވެދާނެ ކަމަށާއި، ނަމަވެސް ޝަހްސީ މަސްލަހަތަށް އިސްކަންދީގެން އެފަދަ އިސްލާހުތައް ހުށަހެޅުމަކީ ބާތިލް ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0