ޚަބަރު , ވިޔަފާރި , ދުނިޔެ

ހަނގުރާމަ ވަރަށް އަވަހަށް ނިމޭނެ ކަމަށް ޓްރަމްޕް ބުނުމާ އެކު ތެލުގެ އަގު ދަށްވެއްޖެ

10 މާރިޗު 2026 - 14:21
ހަނގުރާމަ ވަރަށް އަވަހަށް ނިމޭނެ ކަމަށް ޓްރަމްޕް ބުނުމާ އެކު ތެލުގެ އަގު ދަށްވެއްޖެ

އީރާނާ ދެކޮޅަށް އެމެރިކާ އާއި އިޒްރޭލުން ދެމުން ގެންދާ ހަމަލާތައް ވަރަށް އަވަހަށް ނިމޭނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވިދާޅުވުމާ އެކު، ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގަށް ބޮޑު ދަށްވުމެއް އަތުވެއްޖެ އެވެ.

ތެލުގެ ސަޕްލައި ތާށިވެ ހަނގުރާމަ ދިގުލައިގެންދާނެ ކަމުގެ ބިރު އޮތްއިރު، ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު ކުރިން ހުރީ 119 ޑޮލަރަށް ވުރެ މަތީގަ އެވެ.

ޓްރަމްޕުގެ މި ވާހަކަފުޅާ އެކު އަންގާރަ ދުވަހު ތެލުގެ އަގު ވަނީ 10 ޕަސެންޓް ދަށްވެ، ފީފާއެއްގެ އަގު 84 ޑޮލަރަށް ވެސް ވެއްޓިފަ އެވެ. މިއަދު ހެނދުނު އެމެރިކާގެ ބެންޗްމާކް ކަމަށްވާ ވެސްޓް ޓެކްސަސް އިންޓަމީޑިއޭޓް (ޑަބްލިޔުޓީއައި) ގައި ތެޔޮ ފީފާއެއްގެ އަގު 88.77 ޑޮލަރުގައި ހުރިއިރު، ބްރެންޓް ކްރޫޑްގެ އަގު ހުރީ 93.36 ޑޮލަރުގަ އެވެ. މިއީ ގާތްގަނޑަކަށް ހަ ޕަސެންޓުގެ ދަށްވުމެކެވެ.

ތެލުގެ އަގު ދަށްވާން ފަށާފައި ވަނީ ހަމައެކަނި ޓްރަމްޕުގެ ބަހަކަށް ނޫނެވެ. ސަޕްލައިގެ ދަތިކަން ހައްލުކުރުމަށް ރިޒާވް ސްޓޮކް ބޭނުންކުރުމާ ބެހޭ ގޮތުން ޖީ7 ގެ ގައުމުތަކުގެ ފިނޭންސް މިނިސްޓަރުން މަޝްވަރާ ފެއްޓެވުމާ އެކު، މިދިޔަ ހޯމަ ދުވަހުން ފެށިގެން އަގުތައް ވަނީ މަޑުމަޑުން ތިރިވާން ފަށާފަ އެވެ. މީގެ އިތުރުން، ހަނގުރާމައާ ގުޅިގެން ބައެއް ގައުމުތަކަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލާނެ ކަމަށް ޓްރަމްޕު ވިދާޅުވުމަކީ ވެސް މާކެޓަށް އައި ބަދަލެކެވެ.

އެމެރިކާއިން މިހާތަނަށް ތެލުގެ ސެންކްޝަންސް އަޅާފައި ވަނީ ރަޝިއާ، އީރާން އަދި ވެނެޒުއޭލާއަށެވެ. ލުއި ދޭނީ ކޮން ގައުމުތަކަކަށް ކަން ރަސްމީކޮށް ހާމަނުކުރި ނަމަވެސް، ރޮއިޓާސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އެމެރިކާއިން އަންނަނީ ރަޝިއާއާ އެކު ވާހަކަދައްކައި ލުއިތައް ހޯދޭނެ ގޮތްތައް ބަލަމުންނެވެ.

ހަނގުރާމައިގެ ސަބަބުން އީރާނުން ވަނީ ތެޔޮ ސަޕްލައި ކުރާ މައި މަގު ކަމަށްވާ ހޮރްމުޒް ޗެނަލް ބަންދުކޮށްފަ އެވެ. މީގެ އިތުރުން، އިޒްރޭލުން އީރާނުގެ ތެޔޮ އުފައްދާ ތަންތަނަށް ޑްރޯން ހަމަލާ ދީފައިވާއިރު، އީރާނުން ވަނީ ގަތަރާއި ސައުދީ އަރަބިއްޔާ އަދި ކުވައިތުގެ ތެޔޮ ރައްކާކުރާ ތަންތަނަށް ހަމަލާދީފަ އެވެ.

އިގްތިސާދީ ދިރާސާކުރާ ފަރާތްތަކުން އިންޒާރު ދޭ ގޮތުގައި، ތެލުގެ ސަޕްލައިއަށް ކުރިމަތިވެފައިވާ މި ބުރޫތައް ހައްލު ނުވެއްޖެ ނަމަ، ތެޔޮ ފީފާއެއްގެ އަގު 150 ޑޮލަރާއި 200 ޑޮލަރާ ދެމެދުގެ އަދަދަކަށް އުފުލުމުގެ ބިރު އެބައޮތެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0