ހުރާގެ ކަރަންޓާއި ފެނުގެ ހިދުމަތް ސްޓެލްކޯގެ ދަށަށް ބަދަލުކޮށްފި
ކ. ހުރާގެ ކަރަންޓާއި، ފެނާއި، ނަރުދަމާގެ ހިދުމަތްތައް ފެނަކަ ކޯޕަރޭޝަނުން ސްޓެލްކޯގެ ބެލުމުގެ ދަށަށް މިއަދު ރަސްމީކޮށް ބަދަލުކޮށްފިއެވެ.
ސްޓެލްކޯގެ ހެޑް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒްވަރެވެ. ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މެޖާ (ރިޓަޔާޑް) މުހައްމަދު ނަޖާހެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސްޓެލްކޯގެ ޑީއެމްޑީ ޑރ. އަލީ އަޒްވަރު ވިދާޅުވީ، މާލެ ސަރަހައްދާއި އއ. އަތޮޅު އަދި ވ. އަތޮޅުގެ ރަށްތަކަށް ސްޓެލްކޯއިން ހިދުމަތް ދެމުން އަންނައިރު، ފާއިތުވި އަހަރުތަކުގައި ކ. އަތޮޅުން ސްޓެލްކޯގެ ދަށުގައި ނުހިމެނި އޮތީ ހަމައެކަނި ހުރާ ކަމަށެވެ. ނަމަވެސް މިއަދުގެ ބަދަލާއެކު އެކަން ހައްލުވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
އަޒްވަރު އިތުރަށް ވިދާޅުވީ، ސްޓެލްކޯއިން މި ހިދުމަތްތަކާ ހަވާލުވުމަށްފަހު، އެހެން ރަށްރަށުގައިވެސް ހިދުމަތްދޭ މިންގަނޑުތަކާ އެއްގޮތަށް ހުރާގެ ހިދުމަތްތައް ކުރިއަށް ގެންދާނެ ކަމަށެވެ. "މިހާރަށްވުރެ ވެސް ރަނގަޅަށް ހުރާއަށް ކަރަންޓާއި ފެނާއި ހިދުމަތްތައް ފޯރުކޮށްދޭނަން. މުހިންމު ތަރައްގީގެ މަސައްކަތްތަކެއް ކުރަން ޖެހޭ ހިދުމަތްތައް ދިނުމުގައި. އެ މަސައްކަތްތައް ރޭވުމުގެ ކަންކަން އެބަ ކުރިއަށްދޭ،" އޭނާ ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ހުރާ ދާއިރާގެ މަޖިލިސް މެމްބަރު ޑރ. އަނާރާ ނައީމް ވިދާޅުވީ، މިއީ ހުރާގެ ރައްޔިތުންގެ ވަރަށް ބޮޑު އުންމީދެއް ފުރިހަމަވެގެން ދިޔަ ދުވަހެއް ކަމަށެވެ. "މިއަދު އެ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުވެގެންދިއުމަކީ ހުރާއަށް ފަސޭހަވެ އިތުރު ތަރައްގީއާއި ކުރިއެރުން ލިބިގެންދާނެ ކަމެއް،" އަނާރާ ވިދާޅުވިއެވެ. މި ބަދަލަކީ ގިނަ ދުވަސްތަކެއްގެ މަސައްކަތުން ލިބުނު ބޮޑު ކާމިޔާބީއެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.






ރިއެކްޓް