ސިޔާސީ , ޚަބަރު

ދެ އިންތިޚާބު އެއްކޮށްލުމަކީ ރައްޔިތުންނަށް އެންމެ ފައިދާ ބޮޑު ގޮތް: ޤާސިމް

9 މާރިޗު 2026 - 11:44
ދެ އިންތިޚާބު އެއްކޮށްލުމަކީ ރައްޔިތުންނަށް އެންމެ ފައިދާ ބޮޑު ގޮތް: ޤާސިމް

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޤާސިމް މިހެން ވިދާޅުވީ ދެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވައި މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ ދައުރު ކުރު ކުރުމަށް ޤާނޫނުއަސާސީއަށް ގެނައި އިސްލާހާ ގުޅިގެން އަންނަ އޭޕްރިލް މަހު ނެގުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ޤާސިމް އިބްރާހިމް ފާހަގަކުރެއްވި ގޮތުގައި 2008 ގެ ރިޔާސީ އިންތިޚާބަށް ފަހު ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު، ދެ އިންތިޚާބު އެއްކޮށްލުމަކީ ޤައުމުގެ ހަމަޖެހުމަށްޓަކައި ލަސްވެފައިވާ ކަމެކެވެ. ވެރިކަމަށް އައުމަށްފަހު ކޮންމެ ސަރުކާރަކުންވެސް މަޖިލީހުގެ މެޖޯރިޓީ ހޯދުމަށް މަސައްކަތްކުރާކަން ފާހަގަކުރައްވައި، އޭނާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާއަކަށް ރައްޔިތުން 5 އަހަރުގެ ދައުރެއް ދިން ނަމަވެސް އެ ރައީސަކު ވެރިކަމުގެ ފުރަތަމަ 6 މަސް ދުވަސް ހޭދަކުރަން ޖެހެނީ މަޖިލީހުގެ މެޖޯރިޓީ ހޯއްދަވަން ކަމަށެވެ.

މަޖިލީހުގެ މެޖޯރިޓީ ބޭނުންކޮށްގެން އަލަށް އެކުލަވާލާ ސަރުކާރަށް ޖެއްސުންކޮށް، ބަޖެޓް ހާވިޔާކޮށްލުމާއި، ރައީސުލްޖުމްހޫރިއްޔާގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން މަސައްކަތްކުރުން ފަދަ ކަންކަން ފާއިތުވި މަޖިލީސްތަކުން ފެނިފައިވާ ކަމަށް ޤާސިމް ވިދާޅުވިއެވެ. މީގެ ސަބަބުން ޤައުމުގެ ހަމަޖެހުން ގެއްލިގެންދާކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

ދެ އިންތިޚާބު އެއްކޮށްލުމުން ރައްޔިތުންނަށް ލިބޭނެ މާލީ ފައިދާއަށް އަލިއަޅުއްވާލައްވަމުން ޤާސިމް ވިދާޅުވީ، މީގެ ސަބަބުން ރައްޔިތުންގެ ޓެކްސް ފައިސާއިން 120 މިލިޔަނަށްވުރެ ގިނަ ފައިސާ ސަލާމަތްކުރެވޭނެ ކަމަށެވެ. އަދި އެ ފައިސާ ރައްޔިތުންގެ އެހެން ބޭނުންތަކަށް ބޭނުންކުރުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، އިންތިޚާބުތަކާ ގުޅިގެން ކުރެވޭ ކަރަޕްޝަންގެ ތުހުމަތުތަކާއި ސިޔާސީ ނިޒާމުގައި އުފެދޭ ހަމަނުޖެހުންތައްވެސް މި ބަދަލާއެކު ކުޑަވެގެންދާނެ ކަމަށް ޤާސިމް ޤަބޫލުކުރައްވައެވެ. އެހެންކަމުން، އަންނަ އޭޕްރިލް މަހު ނަގާ ފެންނަ ނުފެންނަ ވޯޓުގައި ޤާނޫނުއަސާސީއަށް ގެނައި މި އިސްލާހު ތަސްދީގުކުރަން "ފެންނަ" ކަމަށް ވޯޓު ދެއްވުމަށް ޤާސިމް ވަނީ ރައްޔިތުންގެ ކިބައިން އެދިވަޑައިގަންނަވާފައެވެ.

ނަމަވެސް ގާނޫނީ ދާއިރާގެ ތަޖުރިބާކާރުންނާއި ސީޔާސީ މާހިރުން ބުނަމުން ގެންދަނީ މިއީ އެއްވެސް ހަމަޖެހޭ ވާހަކަތަކެއް ނޫންކަމަށާއި އަދި ދެ އިންތިހާބު އެއްކޮށް ބޭއްވިޔަސް މެޖޯރިޓީ ނުލިބިއްޖެނަމަ ހަމަ އެބުނާ ހަލަބޮލިކަމަށް ފުރުސަތު އިންނާނެކަމަށެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0