ސިޔާސީ , ޚަބަރު

މެޖޯރިޓީއެއް އޮތީތީ އަމިއްލަ އެދުމަށް ގާނޫނު އަސާސީ އިސްލާހުކޮށްގެން ނުވާނެ: ޑރ ޑީޑީ

8 މާރިޗު 2026 - 23:54
މެޖޯރިޓީއެއް އޮތީތީ އަމިއްލަ އެދުމަށް ގާނޫނު އަސާސީ އިސްލާހުކޮށްގެން ނުވާނެ: ޑރ ޑީޑީ

ޤާނޫނުއަސާސީއަކީ ކުޅޭކުޅޭ އެއްޗެއް ނޫންކަމަށާއި، މަޖިލީހުގެ މެޖޯރިޓީ އޮތް ކޮންމެ ފަހަރަކު އަމިއްލަ އެދުމަށްޓަކައި އެއަށް ބަދަލު ގެނައުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ (ޑީޑީ) ވިދާޅުވެއްޖެއެވެ.

ދެ އިންތިހާބު އެއްކޮށްލުމާ ދެކޮޅަށް މިއަދު މެންދުރު ސިޔާސީ ފަރާތްތަކާއި ގާނޫނީ ވަކީލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޑރ. ޑީޑީ ވިދާޅުވީ ޤާނޫނުއަސާސީއަކީ ދައުލަތުގެ އެންމެ މަތީ ޤާނޫނު ކަމަށްވާއިރު، އެއީ އާދައިގެ ޤާނޫނުތަކާ ޚިލާފަށް ބަދަލުކުރަން އުނދަގޫ ނުވަތަ "ރިޖިޑް" އެއްޗަކަށް ވާންޖެހޭނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެކި ފަހަރުމަތިން މި އިސްލާހުގެ ވާހަކަދައްކަވައި، އެއީ އަމިއްލަފުޅަށް ހުށަހެޅުއްވި އެއްޗެއް ކަމަށް ވިދާޅުވުމަކީ ގޯހެއް ކަމަށް ޑރ. ޑީޑީ ފާހަގަކުރެއްވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ހުވާގައި އޮންނަނީ ޤާނޫނުއަސާސީ ނަގަހައްޓަން. ކަމަށާއި ޤާނޫނުއަސާސީ އިސްލާހުކުރުމަކީ އެމަނިކުފާނުގެ ޒިންމާއެއް ނޫން ކަމަށްވެސް ޑރ. ޑީޑީ ވިދާޅުވިއެވެ. އަދި މި އިސްލާހު މަޖިލިސް ޗުއްޓީގައި އޮއްވައި ކުއްލި ގޮތަކަށް ހުށަހަޅައިގެން ކުރިއަށް ގެންދިއުމުން އޭގެ އިޖުރާއީ ސައްޙަކަމާމެދު ވެސް އޭނާ ސުވާލު އުފެއްދެވިއެވެ.

ޑރ. ޑީޑީ އިތުރަށް ވިދާޅުވީ، އާދައިގެ ޤާނޫނެއް ފާސްކުރުމަށް ހޭދަވާ ވަގުތަށްވުރެ ވެސް އަވަހަށް، އެކަށީގެންވާ ބަހުސެއް ނެތި އަދި ކަމާބެހޭ މާހިރުންގެ ލަފާ ހޯދުމެއް ނެތި މިފަދަ ބޮޑު ބަދަލެއް ގެނައުމަކީ ބައިނަލްއަޤުވާމީ ބެސްޓް ޕްރެކްޓިސްއާ ޚިލާފު ކަމެއް ކަމަށެވެ. މި އިޞްލާޙަކީ ރައްޔިތުންގެ މަސްލަހަތަށްވުރެ ބޮޑަށް، ވަކި ފަރާތެއްގެ ސިޔާސީ ނުވަތަ ޝަޚުޞީ މަސްލަހަތެއް އޮވެގެން ހުށަހެޅި އެއްޗެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

ޤާނޫނުއަސާސީގެ 162 ވަނަ މާއްދާއަށް ރިއާޔަތްކުރައްވައި ޑރ. ޑީޑީ ވިދާޅުވީ، މަޖިލީހުގެ ދައުރަށް ބަދަލު އަންނަ ފަދަ ކަންކަމުގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަންޖެހޭނެ ކަމަށެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާގެ ގަރާރުގައި ރައްޔިތުންނާ ކުރާ ސުވާލަކީ "މި އިޞްލާޙު ތަސްދީގުކުރަން ފެނޭތޯ ނުވަތަ ނޫންތޯ" ކަމަށް ވުމަކީ ގޯހެއް ކަމަށާއި، ރައްޔިތުންނާ ކުރަންޖެހޭ އަސްލު ސުވާލަކީ އިޞްލާޙުގެ މައުޟޫޢާ ގުޅޭ ސުވާލެއް ކަމަށް އޭނާ ބަޔާންކުރެއްވިއެވެ.

މީގެއިތުރުން، ޤާނޫނުއަސާސީގެ އަސާސީ އޮނިގަނޑަށް ބަދަލު އަންނަ ފަދަ ކަންކަމަކީ މަޖިލީހުގެ އާދައިގެ އަޣުލަބިއްޔަތަކުން ކުރެވޭނެ ކަމެއް ނޫން ކަމަށާއި، އެފަދަ ކަންކަމަށް ޚާއްޞަ މަޖިލީހެއް ބޭނުންވާނެ ކަމަށްވެސް ޑރ. ޑީޑީ ވިދާޅުވިއެވެ.

މި އިޞްލާޙަކީ ޣައިރު ދުސްތޫރީ އެއްޗެއްގެ ގޮތުގައި ފާހަގަކޮށް، މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިގެން ރިވިއުކުރުމުގެ ފުރުޞަތު އަދިވެސް އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

ނިންމަވާލައްވަމުން ޑރ. ޑީޑީ ވިދާޅުވީ، މިފަދަ މުހިންމު ރެފަރެންޑަމެއް ލޯކަލް ކައުންސިލް އިންތިޚާބާ އެއްކޮށްލައިގެން ބޭއްވުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށެވެ. އަދި ރައްޔިތުންނަށް މިކަމާ މެދު ވިސްނައި ހޭލުންތެރިވުމަށް އެކަށީގެންވާ ވަގުތު ދޭންޖެހޭނެ ކަމަށާއި މިހާރު ކަން ހިނގާ ގޮތުން ކޮމިޝަނުން ވަކި ފަރާތަކަށް ބުރަވެފައިވާ ކަމުގެ ތުހުމަތުވެސް ކުރެއްވިއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0