ދެއިންތިހާބު އެއްކޮލަން ރައީސް މުއިއްޒު ދައްކަވަނީ އަމިއްލަ އެދުން ބޮޑު ވާހަކަތަކެއް: މާރިޔާ
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށް ބޭއްވުމަށް ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދައްކަވަމުން ގެންދަވާ ވާހަކަފުޅުތަކަކީ އެއްވެސް އޮއްޓަރެއް ނެތް، އަމިއްލަ އެދުން އިސްކޮށް ދައްކަވާ ވާހަކަފުޅުތަކެއް ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
މާރިޔާ މިހެން ވިދާޅުވީ، ދެ އިންތިހާބު އެއްކޮށްލުމާ ދެކޮޅަށް މިއަދު މެންދުރު ސިޔާސީ ފަރާތްތަކާއި ގާނޫނީ ވަކީލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ.
ދެ އިންތިހާބު ވަކިން ބޭއްވުމުން އާ ރައީސަކު ހުވާކުރައްވާ ދަނޑިވަޅުގައި، ދައުރު ހަމަވަމުންދާ މަޖިލީހަކުން ރައީސުލްޖުމްހޫރިއްޔާގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅައި، ސަރުކާރު ހަލަބޮލިކޮށްލުމުގެ ފުރުސަތު އޮންނާތީ އެކަން ހައްލުކުރަން ޖެހޭ ކަމަށް ރައީސް ވިދާޅުވަމުން ގެންދަވާތީ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މާރިޔާ ވިދާޅުވީ ދެ އިންތިހާބު އެކީގައި ބޭއްވުމުން ނުކުންނާނެ ނަތީޖާއެއް ކުރިއާލައި އެއްވެސް ބޭފުޅަކަށް އެނގިވަޑައިނުގަންނަވާނެ ކަމަށެވެ.
"ކިހިނެއްތޯ އެ އެނގިވަޑައިގަންނަވަނީ؟ ދޭތި (ދެ އިންތިހާބު) އެކީގައި ބާއްވާއިރު ނުލިބޭނޭ އެ މެޖޯރިޓީ އެއް، އެހެން ބުނާކަށް ނޭގޭނެ. އެހެންވިދާޅުވީމާ، އަޅުގަނޑުމެން ހިތުގައި އަދި މާ ބޮޑެތި ސުވާލު އުފެދޭ. ކުރިއާލައި އެ ބޭފުޅާއަށް އިނގެނީތޯ ކޮންކަހަލަ ރިޒަލްޓެއްތޯ ނުކުންނާނީ؟" މާރިޔާ ސުވާލު އުފެއްދެވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ ދެ އިންތިހާބު އެކީގައި ބޭއްވި ނަމަވެސް، ރައްޔިތުން މަޖިލީހުގެ ތިންބައިކުޅަ ދެބައި އަޣުލަބިއްޔަތު އިދިކޮޅަށް ދީފިނަމަ، ރައީސް ހުވާކުރައްވާ ދުވަހުވެސް އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށެވެ.
މާރިޔާ ވަނީ އޭނާގެ އަމިއްލަ ތަޖުރިބާ ހިއްސާކުރައްވަމުން، 2018 ވަނަ އަހަރު އާ ސަރުކާރު އައިއިރު އޮތް ބާޒީ މަޖިލީހުން އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެސް ވެއްދިކަން ފާހަގަކުރައްވާފައެވެ. ނަމަވެސް އެފަދަ ކަންކަމާ ގުޅުވައިގެން އިންތިހާބުތައް އެއްކޮށްލުމުގެ ވާހަކަ ދެއްކުމަކީ "ޖޯކެއް" ކަމަށް އޭނާ ސިފަކުރެއްވިއެވެ.
ނިންމަވާލައްވަމުން މާރިޔާ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ވަކިކުރުމުގެ ބާރަކީ ގާނޫނުއަސާސީން މަޖިލީހަށް ދީފައިވާ ބާރެއް ކަމަށާއި، އެއީ އިންތިހާބުތައް ބާއްވާ ތަރުތީބަށް ބަދަލު ގެނެސްގެން ހުއްޓުވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ރައީސް މުއިއްޒު މިހާރު ދައްކަވަނީ ހަމައެކަނި އަމިއްލަ މަސްލަހަތު ހިމާޔަތްކުރުމުގެ ވާހަކަތަކެއް ކަމަށްވެސް އޭނާ ތުހުމަތު ކުރެއްވިއެވެ.






ރިއެކްޓް