މަސްތުވާތަކެތި އެތެރެކުރާ މީހުނަށް މަރުގެ އަދަބުދެވޭ އިސްލާހަށް އަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދެވޭ ގޮތަށް މަސްތުވާތަކެއްޗާބެހޭ ގާނޫނަށް ގެނައި އިސްލާހަށް އިއްޔެ އަމަލުކުރަން ފަށައިފިއެވެ.
މި އިސްލާހަކީ ރާއްޖޭގައި މަސްތުވާތަކެތީގެ ވިޔަފާރި ފުޅާވެ، އެއާ ގުޅުންހުރި ކުށްތައް އިތުރުވަމުންދާތީ އެކަންކަން ހުއްޓުވުމަށްޓަކައި ގެނެވުނު ބަދަލެކެވެ.
މިދިޔަ ޑިސެމްބަރު މަހުގެ ތިންވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކުރި މި އިސްލާހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރެއްވީ އެ މަހުގެ ހަވަނަ ދުވަހުއެވެ. ގާނޫނުގައިވާ ގޮތުން، މި އިސްލާހަށް އަމަލުކުރަން ފަށާނީ ގެޒެޓުގައި ޝާއިއުކުރާ ތާރީހުން ފެށިގެން ތިން މަސްދުވަސް ހަމަވާ ދުވަހުން ފެށިގެން ކަމަށްވާތީ، އިއްޔެއިން ފެށިގެން މި ގާނޫނު ވަނީ ތަންފީޒުވާން ފަށާފައެވެ.
މަރުގެ އަދަބު ކަނޑައެޅޭ މިންގަނޑުތައް
އަލަށް އަމަލުކުރަން ފެށި ގާނޫނުގެ ދަށުން، މަސްތުވާއެއްޗެއް ރާއްޖެއަށް އެތެރެކުރުން ނުވަތަ ބޭރުކުރުމުގެ ކުށުގައި ވަކި ޝަރުތުތަކެއް ފުރިހަމަވާނަމަ މަރުގެ އަދަބު ކަނޑައެޅޭނެއެވެ. އެގޮތުން މަރުގެ އަދަބު ދެވޭނެ މިންގަނޑުތަކަކީ:
- 350 ގްރާމަށްވުރެ އިތުރު އަދަދެއްގެ ކެނެބިސް އެތެރެކުރުން.
- 250 ގްރާމަށްވުރެ އިތުރު އަދަދެއްގެ ޑައިމޯފިން އެތެރެކުރުން.
- އެ ނޫން ބާވަތެއްގެ މަސްތުވާތަކެތި ނަމަ 100 ގްރާމަށްވުރެ އިތުރުވުން.
މީގެ އިތުރުން، މަސްތުވާއެއްޗެއް ރާއްޖެއަށް އެތެރެކުރުމާއި ބޭރުކުރުމުގައި އެއްވެސް ސިފައެއްގައި ބައިވެރިވާ މީހުންގެ އަދަބުވެސް ވަނީ ބޮޑުކޮށްފައެވެ. އެފަދަ ފަރާތްތައް 20 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމާއެކު، 75,000 ރުފިޔާއާއި 7,500,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.
އަދަބަށް ލުއި ނުދެވޭނެކަން ކަނޑައެޅުން
މި ގާނޫނުގެ ދަށުން އުމުރަށް ޖަލަށްލުމުގެ އަދަބު ނުވަތަ މަރުގެ އަދަބު ކަނޑައަޅާފައިވާ ކުށްތަކަކީ، އެއްވެސް ހާލަތެއްގައި އަދަބު މައާފުކޮށްދެވިގެން ނުވަތަ ލުއިކޮށްދެވިގެންވާނެ ކުށްތަކެއް ނޫން ކަމަށް ވަނީ ކަނޑައަޅާފައެވެ. އަދި މިފަދަ ބޮޑެތި ކުށްތަކުގެ ތުހުމަތުގައިވާ ފަރާތްތަކާއެކު، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން އެއްވެސް ބާވަތެއްގެ އިއުތިރާފުގެ އެއްބަސްވުމެއް ނުހެދޭނެ ކަމަށްވެސް ގާނޫނުގައި ބަޔާންކޮށްފައިވެއެވެ.






ރިއެކްޓް