ޚަބަރު

ކުޑަ ކުއްޖަކު ރޭޕް ކުރިކަމަށް ސާބިތުވި ދެ މީހެއްގެ މައްސަލަ އިސްތިއުނާފުކޮށްފި

7 މާރިޗު 2026 - 11:09
ކުޑަ ކުއްޖަކު ރޭޕް ކުރިކަމަށް ސާބިތުވި ދެ މީހެއްގެ މައްސަލަ އިސްތިއުނާފުކޮށްފި

މާލޭގައި 2018 ވަނަ އަހަރުގެ ތެރޭގައި އުމުރުން 18 އަހަރު ނުވާ އަންހެން ކުއްޖަކު ރޭޕުކުރި މައްސަލަ ސާބިތުވެ، 20 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވާ ދެ މީހުން، އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފިއެވެ.

މި މައްސަލަ މިހާރު ހައިކޯޓަށް ބަލައިގަނެ ރަޖިސްޓްރީ ކޮށްފައިވީ ނަމަވެސް، މައްސަލައިގެ އަޑުއެހުންތައް ފަށާނެ ތާރީޚެއް އަދި ސާފެއް ނުވެއެވެ.

މި މައްސަލައަކީ 2018 ވަނަ އަހަރުގެ މެދުތެރޭގައި ހިނގި ހާދިސާއެކެވެ. މި ހާދިސާ ހިނގިތާ ގާތްގަނޑަށް ހަތް އަހަރު ފަހުން، ކްރިމިނަލް ކޯޓުން މި ދެ މީހުންގެ މައްޗަށް 20 އަހަރުގެ ޖަލު ހުކުމެއް އިއްވީ މިދިޔަ އޮގަސްޓް މަހުގެ ތެރޭގައެވެ. އަނިޔާ ލިބުނު ކުއްޖާގެ މަސްލަހަތަށްޓަކައި މި ޝަރީއަތް ކުރިއަށް ގެންގޮސްފައިވަނީ އާންމުކޮށް ހުޅުވައިނުލައެވެ.

ޖިންސީ ކުށުގެ ގާނޫނުގެ ދަށުން ކުށް ސާބިތުވި މި ދެ މީހުންނަކީ ދިވެހި ދެ ފިރިހެނުންނެވެ. މި ދެ މީހުން 2018 ވަނަ އަހަރުން ފެށިގެން ބަންދުގައި ތިބުމުގެ ސަބަބުން، ހުކުމުން ބާކީ ތަންފީޒު ކުރަން ޖެހޭނީ ގާތްގަނޑަކަށް 13 އަހަރުގެ މުއްދަތެކެވެ. މި ހާދިސާ ހިނގި ދުވަސްވަރު، މި ކަމުގައި ތުހުމަތު ކުރެވޭ މީހުން ހޯދުމަށް މާލޭގެ ބައެއް ގްރޫޕްތަކުން ނުކުމެ މާރާމާރީތަކެއް ހިންގާފައިވާއިރު، މި ދެ މީހުން ފުލުހުންނާ ހަވާލުވީ އަމިއްލައަށެވެ.

މި މައްސަލައިގެ ރެކޯޑްތަކުން އެނގޭ ގޮތުގައި، ހާދިސާ ހިނގިއިރު އުމުރުން 18 އަހަރު ނުވާ ފިރިހެން ކުއްޖަކުވެސް މި ކަމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް އެ ކުއްޖާއާ ދެކޮޅަށް ދައުވާ ކުރިކަން ނުވަތަ ނޫންކަން މިހާތަނަށް ސާފުވެފައެއް ނުވެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0