ޤަތަރުގެ ވައިގެ ސަރަހައްދުގެ ބައެއް އަލުން ހުޅުވާލައިފި
އެމެރިކާ އާއި އިސްރާއީލުގެ ހަމަލާތަކާ ގުޅިގެން އީރާނުން މެދުއިރުމަތީގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ދެމުންދާ މިސައިލް އަދި ޑްރޯން ހަމަލާތަކުގެ ސަބަބުން ބަންދުކުރި ޤަތަރުގެ ވައިގެ ސަރަހައްދުގެ ބައެއް އަލުން ހުޅުވާލައިފިއެވެ.
މިއީ ސަރަހައްދީ މަސްލަހަތު ގޯސްވުމާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ވައިގެ ދަތުރުފަތުރު މެދުކަނޑާލުމަށްފަހު އެޅި ފިޔަވަޅެކެވެ.
ޤަތަރުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން އިއްޔެ ހާމަކުރި ގޮތުގައި، ޤަތަރުގެ އަސްކަރިއްޔާއާ ގުޅިގެން މިހާރު ދަތުރުތައް ކުރިއަށް ގެންދާނީ "ލިމިޓެޑް އޮޕަރޭޝަނަލް ކެޕޭސިޓީ ހުންނަ ނެވިގޭޝަނަލް ކޮންޓިންޖެންސީ ރޫޓުތަކުން" ނުވަތަ ހުޅުވާލާފައިވާ ހާއްސަ ކޮރިޑޯއެއްގެ ތެރެއިންނެވެ. މިއީ ގަލްފުގެ އެންމެ މުހިންމު އެއް އޭވިއޭޝަން ހަބަށް ވައިގެ ދަތުރުތައް އަލުން ފަށަން އެޅި މުހިންމު ފިޔަވަޅެކެވެ.
ސިވިލް އޭވިއޭޝަން އޮތޯރިޓީން އިތުރަށް ބުނީ، ވައިގެ ސަރަހައްދު އަލުން ހުޅުވާލި ނަމަވެސް އެއީ އެންމެންނަށް އާންމުކޮށް ހުޅުވާލި ހުޅުވާލުމެއް ނޫން ކަމަށެވެ. މި ވަގުތު ދަތުރު ކުރުމުގެ ފުރުސަތު ދެނީ ފަސިންޖަރުން އިވެކުއޭޓް ކުރުމަށް ހާއްސަކޮށްފައިވާ ފްލައިޓްތަކާއި އެއާ ކާގޯ ސާވިސްތަކަށް ހާއްސަކޮށްފައިވާ މަދު ކެޓަގަރީއެއްގެ ފްލައިޓްތަކަށް އެކަނި ކަމަށް އެ އިދާރާއިން މައުލޫމާތު ދެއެވެ.
ޤަތަރު އެއާވޭސް އިން ބުނި ގޮތުގައި މިއަދު ހަމަދު އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން ލަންޑަން، ޕެރިސް، މެޑްރިޑް، ރޯމް އަދި ފްރޭންކްފާޓަށް ރިޕެޓްރިއޭޝަން ފްލައިޓްތައް ބޭއްވުމަށް ވަނީ ނިންމާފައެވެ. މި ދަތުރުތަކުގައި "އާއިލާތަކާއި، އުމުރުން ދުވަސްވީ ފަސިންޖަރުން އަދި ސިއްހީ އެހީތެރިކަން ބޭނުންވާ މީހުންނާއި މުހިންމު ދަތުރުތައް ކުރަން ބޭނުންވާ ފަރާތްތަކަށް އިސްކަންދޭނެ" ކަމަށް އެ އެއާލައިނުން ބުނެފައިވެއެވެ.
ވައިގެ ސަރަހައްދުގެ ބައެއް ހުޅުވާލި ނަމަވެސް، ދޯހާއަށް ކުރާ އާންމު ދަތުރުތައް އަލުން ފަށާނެ ތާރީޚެއް އިއުލާން ކުރެވެންދެން ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. އެހެންކަމުން، ބުކިން ކަށަވަރުވެފައިވާ ފަސިންޖަރުން އެއާޕޯޓަށް ދިއުމުގެ ކުރިން ސީދާ އެއާލައިންތަކުން ދޭ އެންމެ ފަހުގެ އަޕްޑޭޓްތައް ބެލުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.






ރިއެކްޓް