އުންމަތަށްޓަކައި، އިސްލާމީ ޙަޟާރަތު އިޢާދަކުރަން ޒުވާނުން ޢަޒުމް ކަނޑައަޅާންޖެހޭ: ޚުތުބާ
މިއަދު އިސްލާމީ އުންމަތް ހޭދަކުރަމުން މިދަނީ އުންމަތުގެ ތާރީޚުގައި ފާހަގަކޮށްލެވޭ ފަދަ ނުރައްކާތެރި ދުވަސްތަކެއް ކަމަށާއި، އުންމަތުގެ މުސްތަޤުބަލަށް ޓަކައި އިސްލާމީ ޙަޟާރަތު އަލުން އިޢާދަކުރުމަށް އަދުގެ ޒުވާން ޖީލު އިޚުލާޞްތެރިކަމާ އެކު ޢަޒުމް ކަނޑައަޅާންޖެހޭ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
"ރަމަޟާންމަހުގެ ފަހު ދިހަ" މި މައުޟޫއަށް އިއްވި ޚުތުބާގައި ވަނީ އިސްލާމީ އުންމަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް އެއްބައިވަންތަކަން އިސްކުރުމަށް ގޮވާލާފައެވެ.
ޚުތުބާގައި ފާހަގަކުރި ގޮތުގައި، އިސްލާމީ އުންމަތުގެ ދުޝްމަނުން ދަނީ މި އުންމަތް ބަލިކަށިކޮށް ބައިބައިކޮށްލުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. އުންމަތުގެ އެކި ކަންކޮޅުތަކުގައި ލޭއޮހޮރުވައިލައި، އިސްލާމީ ޤައުމުތަކުގެ މެދުގައި ފިތުނަ އުފެއްދުމަށް ކުރާ މަސައްކަތްތަކާ ދެކޮޅަށް މުސްލިމުން އެކަތިގަނޑަކަށް ވާންޖެހޭ ކަމަށް ޚުތުބާގައި ބަޔާންކުރިއެވެ. އަދި އުންމަތަށް ނަޞްރެއް ލިބޭނީ ސަފުތައް ބަދަހިކޮށް، އިސްލާމީ މަތިވެރި ޢަޤީދާގައި ސާބިތުވެ ތިބެގެން ކަމަށްވެސް ބުނެފައިވެއެވެ.
ޒުވާނުންނަށް މުޚާޠަބުކޮށް ޚުތުބާގައި އިތުރަށް ބުނެފައިވަނީ، ރަމަޟާން މަހަކީ ތަރުބަވީ މަދުރަސާއެއް ކަމަށާއި، މަސްތުވާތަކެއްޗާއި ދުންފަތުގެ އިސްތިޢުމާލުކުރުން ފަދަ ނޭއްގާނީ ޢަމަލުތަކުން އެއްކިބާވެ، ރިވެތި އަޚުލާޤުން ޒީނަތްތެރިވުމަށް ޒުވާނުން ޢަޒުމް ކަނޑައަޅަންޖެހޭ ކަމަށެވެ. މީގެ އިތުރުން ޢިލްމާއި ފިކުރީ ގޮތުން ކުރިއަރައި، އިސްލާމީ ޙަޟާރަތު އަލުން ބިނާކުރުމުގެ ރޫޙު ޒުވާނުންގެ ކިބައިގައި ހުންނަންޖެހޭނެ ކަމަށް ނަޞޭޙަތްތެރިވިއެވެ.
ޚުތުބާގައި އިތުރަށް އަލިއަޅުވާލާފައިވަނީ ރަމަޟާން މަހުގެ ފަހު ދިހައިގެ މާތްކަމުގެ މައްޗަށެވެ. ފަހު ދިހައިގެ ރޭތަކަކީ މުޅި އަހަރުގެ ތެރޭގައި އަންނަ އެންމެ ހެޔޮ ރޭތައް ކަމާއި، އެ ރޭތަކުގެ ތެރޭގައި އެއްހާސް މައްސަރަށް ވުރެ ހެޔޮކަން ބޮޑުވެގެންވާ ލައިލަތުލްޤަދުރި ވިލޭރޭ ހިމެނިގެންވާކަން ޚުތުބާގައި ހަނދާންކޮށްދިނެވެ. އެހެންކަމުން، އެ ރޭގެ ދަރުމައާއި ސަވާބު ހޯދުމަށް ކީރިތި ރަސޫލާ ﷺ ފަދައިން އަޅުކަމުގައި ހީވާގިވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
މީގެ އިތުރުން، މި ބަރަކާތްތެރި ދުވަސްވަރަކީ ދީލަތިކަމުގެ މައްސަރުކަމަށްވާތީ، ޞަދަޤާތްކުރުން ގިނަކުރުމަށާއި ފިޠުރު ޒަކާތް ދެއްކުމަށް އަވަސްވެގަތުމަށްވެސް ޚުތުބާގައި އިރުޝާދު ދީފައިވެއެވެ. ޚުތުބާ ނިންމާލަމުން ވަނީ މުސްލިމުންގެ މެދުގައި އަޚުވަންތަކަން އާލާކޮށް، މުޞީބާތްތަކުގެ ކުރިމަތީގައި ކެތްތެރިކަމާއި ޙިކުމަތްތެރިކަން އިސްކުރުމަށް ހުރިހާ މުސްލިމުންނަށް ގޮވާލާފައެވެ.






ރިއެކްޓް