ޚަބަރު , ވިޔަފާރި

އެސްޓީއޯއިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު ބޮޑުކޮށްފި

5 މާރިޗު 2026 - 09:57
އެސްޓީއޯއިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު ބޮޑުކޮށްފި
މާލޭގެ މަގުމަތީގައި ބައެއް އުޅަނދުތައް ހަރަކާތްތެރިވަނީ، ފޮޓޯ: ވިރާސީ

މެދުއިރުމަތީގެ މަޝްރަހު ގޯސްވެ ދުނިޔޭގެ ބާޒާރުގެ އަގުތަކަށް އައި ބަދަލާއެކު ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ޕެޓްރޯލާއި ޑީސަލް ވިއްކާ އަގު ބޮޑުކުރުމަށް ނިންމައިފިއެވެ.

މި ބަދަލު ގެނެސްފައިވަނީ މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލާއި ގޭހުގެ އަގު އެތައް ގުނައަކުން އުފުލެމުންދާތީއެވެ.

އެސްޓީއޯއިން ރޭ ކުރި އިއުލާނެއްގައި ބުނެފައިވަނީ، އެ ކުންފުނީގެ ދަށުން ހިންގާ އެފްއެސްއެމްގެ ޕެޓްރޯލް ޝެޑުތަކުން ވިއްކާ ތެލުގެ އަގަށް މިއަދުން ފެށިގެން ބަދަލު އަންނާނެ ކަމަށެވެ. އެގޮތުން، ކުރިން 13.50 ރުފިޔާއަށް ވިއްކަމުން އައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ވަނީ 16.01 ރުފިޔާއަށް ބޮޑުކޮށްފައެވެ. މިއީ ލީޓަރަކުން 2.51 ރުފިޔާގެ އިތުރުވުމެކެވެ.

ޑީސަލްގެ އަގަށް ވެސް ބޮޑު ބަދަލެއް ވަނީ ގެނެސްފައެވެ. ކުރިން 13.92 ރުފިޔާއަށް ލިބެން ހުރި ޑީސަލް ލީޓަރެއްގެ އަގު 3.62 ރުފިޔާ އުފުލި، މިހާރު ވިއްކާނީ 17.54 ރުފިޔާއަށް ކަމަށް އެސްޓީއޯއިން ކަނޑައަޅާފައިވެއެވެ. އެސްޓީއޯގެ އިތުރުން، ހޯކްސް ކުންފުނިން ވެސް ވަނީ އެ އަދަދުތަކުން ތެލުގެ އަގު ބޮޑުކުރިކަން ހާމަކޮށްފައެވެ.

މި ބަދަލު އައިސްފައިވަނީ މެދުއިރުމަތީގެ މަސްރަހު ގޯސްވެ، ތެޔޮ ސަޕްލައި ކުރާ މުހިންމު މަގުތަކަށް ބުރޫއެރުމާ ގުޅިގެންނެވެ. ހާއްސަކޮށް އީރާނުން ހޮރްމުޒް ކަނޑުއޮޅި ބަންދުކުރުމާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު މިހާރު ވަނީ 82 އެމެރިކާ ޑޮލަރަށް އުފުލިފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0