ޚަބަރު

ލޯކަލް ކައުންސިލް އިންތިހާބުގައި އޮބްޒާވަރުން އަދި މޮނީޓަރުން ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

3 މާރިޗު 2026 - 21:25
ލޯކަލް ކައުންސިލް އިންތިހާބުގައި އޮބްޒާވަރުން އަދި މޮނީޓަރުން ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި
ފޮޓޯ: ވިރާސީ

އެޕްރީލް 04 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ އިތުރުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު އޮބްޒާވްކުރުމަށާއި މޮނީޓަރުކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ކުރިމަތިލުމުގެ ވަގުތު އިތުރުކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ، މި އިންތިހާބުތަކުގައި އޮބްޒާވަރުން އަދި މޮނީޓަރުންގެ ގޮތުގައި ހަރަކާތްތެރިވާން ބޭނުންވާ ފަރާތްތަކަށް 2026 މާރިޗު 03 ވާ އަންގާރަ ދުވަހުން ފެށިގެން 2026 މާރިޗު 04 ވާ ބުދަ ދުވަހުގެ މެންދުރުފަހު 15:00 އާ ހަމައަށް ކުރިމަތިލުމުގެ އިތުރު މުއްދަތެއް ދީފަ އެވެ.

މި އިންތިހާބުތަކުގައި މޮނީޓަރުންގެ ގޮތުގައި ހަރަކާތްތެރިވުމަށް ފާސް ދޫކުރުމަށް ހަމަޖެހިފައިވަނީ ރަޖިސްޓަރީ ކޮށްފައިވާ ނޫސް މަޖައްލާ އަދި ހަބަރު ފަތުރާ އިދާރާތަކަށެވެ. މިގޮތުން، ވޯޓުލާ އަދި ވޯޓުގުނާ ކޮންމެ ސަރަހައްދަކަށް ކޮންމެ އިދާރާއަކުން އެކަކަށްވުރެ އިތުރުނުވާ ގޮތަށް ފާސް ދޫކުރެވޭނެ އެވެ. އަދި ވޯޓުލާ މަރުކަޒެއްގައި އެއްފަހަރާ ހަރަކާތްތެރިވެވޭނީ ކޮންމެ އިދާރާއަކުން އެއް މޮނީޓަރަށެވެ.

އޮބްޒާވަރުންގެ ގޮތުގައި ހަރަކާތްތެރިވުމުގެ ފުރުސަތު ސިޔާސީ ޕާޓީތަކަށާއި ޖަމްއިއްޔާ ޖަމާއަތްތަކަށް ވަނީ ހުޅުވާލާފަ އެވެ. މި ފަރާތްތަކަށް ފާސް ދޫކުރެވޭނީ އިންތިހާބުގައި ބަހައްޓާ ޖުމްލަ ވޯޓު ފޮށީގެ އަދަދަށްވުރެ 10 އިންސައްތަ އިތުރުނުވާ ގޮތަށެވެ. މޮނީޓަރުންނެކޭ އެއްފަދައިން، ވޯޓުލާ މަރުކަޒެއްގައި އެއްފަހަރާ ހަރަކާތްތެރިވެވޭނީ ކޮންމެ ޕާޓީއަކުން ނުވަތަ ޖަމްއިއްޔާއަކުން އެއް އޮބްޒާވަރަށެވެ.

މި އިންތިހާބަކީ ކައުންސިލްތަކުގެ އިންތިހާބުގެ އިތުރުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ މުހިންމު ވޯޓެއްވެސް ހިމެނޭ އިންތިހާބަކަށް ވާތީ، އިންތިހާބުގެ ކަންކަން ދެފުށް ފެންނަ ގޮތެއްގައި ކުރިއަށްދާކަން ކަށަވަރުކުރުމަށް އޮބްޒާވަރުންނާއި މޮނީޓަރުންގެ ދައުރު ބޮޑުވާނެ އެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0