ޚަބަރު , ވިޔަފާރި

ސަމާލުވޭ! ގޯއްޗާއި ފްލެޓު ދޭނެ ކަމަށް ބުނެ ފައިސާ ހޯދަނީ

3 މާރިޗު 2026 - 15:04
ސަމާލުވޭ! ގޯއްޗާއި ފްލެޓު ދޭނެ ކަމަށް ބުނެ ފައިސާ ހޯދަނީ

"ބިންވެރިޔާ" ސްކީމްގެ ދަށުން ދޫކުރާ ގޯއްޗާއި "ގެދޮރުވެރިޔާ" ސްކީމުގެ ފްލެޓު ހޯދައި ދޭނެ ކަމަށް ބުނެ، އާންމުންގެ އަތުން ފައިސާ ނަގަމުންދާ ކަމުގެ މައުލޫމާތު ލިބެމުންދާ ކަމަށް މިނިސްޓްރީ އޮފް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓުން މިއަދު ބުނެފިއެވެ.

މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެކި ފަރާތްތަކުން ހިންގާ މިފަދަ އޮޅުވާލުންތަކާއި ސްކޭމްތަކަށް އާންމު ރައްޔިތުން ސަމާލުވުމަށެވެ. އަދި ސަރުކާރުން ހިންގާ ޕްރޮގްރާމެއްގެ ދަށުން ދޫކުރާ ގޯތި ނުވަތަ ފްލެޓު ހޯދުމުގެ ބޭނުމުގައި އެއްވެސް ފަރާތަކާ ފައިސާގެ މުއާމަލާތެއް ނުވަތަ އެފަދަ އެހެން މުއާމަލާތެއް ނުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ ހުރިހާ މަޝްރޫއުތަކެއްގައި ވެސް ގޯއްޗާއި ފްލެޓު ދިނުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށް އާންމުކޮށްފައިވާ އުސޫލުތަކާއި އިޖުރާއަތުތަކުގެ ދަށުން ކަމަށް މިނިސްޓްރީން ބުނެއެވެ. "ދިވެހި ސަރުކާރުގެ ގެޒެޓުގައި އާންމުކޮށްފައިވާ އުސޫލެއް ނުވަތަ އިއުލާނެއްގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ ބޭރުން ގޯއްޗާއި ފްލެޓު ހޯދުމަށް އެއްވެސް ފަރާތަކުން އެއްވެސް މުއާމަލާތެއް ކޮށްފިނަމަ ނުވަތަ އެފަދަ މުއުލޫމާތެއް ލިބިއްޖެ ނަމަ ލަސްނުކޮށް މޯލްޑިވްސް ޕޮލިސް ސާވިސްގެ އެންޓި ސްކޭމް ސެންޓަރުގެ ހޮޓްލައިން ނަންބަރު 125 އަށް ގުޅުއްވައި އެކަން ރިޕޯޓުކުރުމަށް އެދެން،" މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

މިނިސްޓްރީން އިތުރަށް ބުނެފައިވަނީ އާންމުކޮށްފައިވާ އުސޫލުތަކާ ހިލާފަށް އެއްވެސް ފަރާތަކަށް ސަރުކާރުގެ ބޯހިޔާވަހިކަމުގެ އެއްވެސް މަޝްރޫއުއަކުން ގޯއްޗާއި ފްލެޓު ލިބުމުގެ ފުރުސަތު ނޯންނާނެ ކަމަށެވެ. އެހެންކަމުން، ގާނޫނީ އިމުގެ ބޭރުން ހިންގާ މިފަދަ ކަންކަމުގައި ބައިވެރިނުވުމަށް ވަނީ އިރުޝާދު ދީފައެވެ.

މިފަދަ މައްސަލަތައް ފެންމަތިވަމުންދާއިރު، ވަގު ލިޔުންތަކެއް ހުށަހަޅައިގެން ހުޅުމާލޭ ފޭސް ދޭކުން ގޯއްޗެއް ހޯދަން އުޅުނު މައްސަލައެއްގައި އެމްޑަބްލިއުއެސްސީގެ ކުރީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލު ރަޝީދު ހިމެނޭހެން 12 މީހެއްގެ މައްޗަށް ދާދި ފަހުން ވަނީ ދައުވާ ވެސް ކޮށްފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0