ސިޔާސީ , ޚަބަރު

ބޮޑު މުޒާހަރާގެ ބައިވެރިންނަށް ދައުވާ ކުރުން އެމްޑީޕީން ކުށްވެރިކޮށްފި

1 މާރިޗު 2026 - 17:28
ބޮޑު މުޒާހަރާގެ ބައިވެރިންނަށް ދައުވާ ކުރުން އެމްޑީޕީން ކުށްވެރިކޮށްފި
އެމްޑީޕީގެ ޗެއަރ ޕާސަން ޢަފޫރު

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ބޭއްވި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ބޮޑު މުޒާހަރާގެ ބައިވެރިންގެ މައްޗަށް ދައުވާކުރުމަށް ފޮނުވާފައިވާތީ، އެކަން އިން އެމްޑީޕީއިން ކުށްވެރިކޮށްފިއެވެ.

އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، 2025 އޮކްޓޫބަރު 3 ވީ ހުކުރު ދުވަހުގެ ރޭ މާލޭގައި ބޭއްވީ ގާނޫނުއަސާސީގެ 32 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ދަށުން ބޭއްވި ސިޔާސީ އެއްވުމެއް ކަމަށެވެ. ނަމަވެސް، އެ އެއްވުމަށް ހުރަސްއެޅުމަށް ފުލުހުން މެދުވެރިކޮށް ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށް، ގިނަ ބަޔަކު އަނިޔާވެރިކަމާއެކު ހައްޔަރުކޮށްފައިވާ ކަމަށް އެ ޕާޓީން ފާހަގަކުރެއެވެ.

މުޒާހަރާ ބޭއްވިތާ ފަސް މަސް ފަހުން، އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކާއި، ގައުމީ މަޖިލީހުގެ މެންބަރެއްގެ އިތުރުން ޕާޓީގެ އާންމު މެންބަރެއްގެ މައްޗަށް ދައުވާކުރަން މިހާރު ވަނީ ފޮނުވައިފައެވެ. އެމްޑީޕީން ސިފަކުރާ ގޮތުގައި މިއީ ސަރުކާރުން އަންގައިގެން ކުރާ ސިޔާސީ ދައުވާތަކެކެވެ.

"މިއީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ޕާޓީން ކުރަމުންދާ ކެމްޕޭނަށް ހުރަސްއެޅުމަށާއި، އިންތިހާބީ ނިޒާމު ގަޑުބަޑުކުރުމަށް ނަގަން އުޅޭ އާންމު ވޯޓާ ދެކޮޅަށް މާރިޗު 21 ގައި ބާއްވާ މުޒާހަރާގައި ބައިވެރިވާ މީހުން މަދުކުރުމަށް ހިންގާ ބިރުދެއްކުމުގެ އަމަލެއް،" އެމްޑީޕީގެ ބަޔާނުގައިވެއެވެ.

އެމްޑީޕީން އިތުރަށް ބުނެފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ހިންގާ މިފަދަ ބިރުދެއްކުމުގެ އަމަލުތަކުގެ ސަބަބުން އެ ޕާޓީގެ މެންބަރުން ފަސްނުޖެހޭނެ ކަމަށެވެ. އަދި ރައްޔިތުންގެ އަސާސީ ހައްގުތަކާއި މިނިވަންކަން ދިފާއުކުރުމުގައި އެ ޕާޓީން ދެމިއޮންނާނެ ކަމުގެ ޔަގީންކަން ވެސް އެމްޑީޕީއިން ވަނީ ދީފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0