ޚަބަރު , ވިޔަފާރި , ދުނިޔެ

ވެލާނާ އެއާޕޯޓުގެ 23 ފްލައިޓެއް މިއަދުވެސް ކެންސަލްކޮށްފި

1 މާރިޗު 2026 - 12:52
ވެލާނާ އެއާޕޯޓުގެ 23 ފްލައިޓެއް މިއަދުވެސް ކެންސަލްކޮށްފި
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)، ފޮޓޯ: އެމްއޭސީއެލް

މެދުއިރުމަތީގައި އުފެދިފައިވާ ހަމަނުޖެހުންތަކާ ގުޅިގެން އެ ސަރަހައްދުގެ ބޮޑު ބައެއްގެ ވައިގެ ސަރަހައްދު ބަންދުކުރުމާ ގުޅިގެން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް (ވީއައިއޭ) މިއަދު އައުމަށް ހަމަޖެހިފައިވާ އަދި ފުރުމަށް ހަމަޖެހިފައިވާ 23 ފްލައިޓެއް ކެންސަލްކޮށްފި އެވެ.

މިއަދު ކެންސަލްކުރި ފްލައިޓްތަކުގެ ތެރޭގައި މެދުއިރުމަތީގެ މައިގަނޑު އެއާލައިންތައް ކަމަށްވާ އެމިރޭޓްސް، ފްލައި ދުބާއީ، ގަލްފް އެއާ، އެއާ އަރަބިއާ، އެތިހާދު އަދި ގަތަރު އެއާވޭސްގެ ފްލައިޓުތައް ހިމެނެ އެވެ. މި އެއާލައިންތަކަކީ މެދުއިރުމަތީގެ އެކި ސިޓީތަކުން ރާއްޖެއަށް ދަތުރުތައް ބާއްވާ އެއާލައިންތަކެވެ.

މެދުއިރުމަތީގެ މަސްލަހަތު ގޯސްވެ، އިއްޔެއިން ފެށިގެން ދަތުރުތަކަށް ބުރޫއަރާފައިވާއިރު، އިއްޔެ އެކަނިވެސް ގިނަ އަދަދެއްގެ ފްލައިޓްތައް ކެންސަލްވުމުގެ ސަބަބުން 1،400 އަށްވުރެ ގިނަ ފަތުރުވެރިން ވަނީ އެއާޕޯޓުގައި ތާށިވެފަ އެވެ.

ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހިމް ރޭ އެއާޕޯޓަށް ވަޑައިގެން ހާލަތު ބައްލަވާލެއްވުމަށްފަހު ވިދާޅުވީ، ނުފުރި ތިބި ފަތުރުވެރިންނަށް އެއާޕޯޓުގައި ފަސޭހައިން ތިބެވޭނެ އިންތިޒާމުތަކެއް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) މެދުވެރިކޮށް ހަމަޖައްސާފައިވާ ކަމަށެވެ. އެގޮތުން ފަތުރުވެރިންނަށް ބޭނުންވާ ސްލީޕިން ބޭގާއި ރާޖަގަނޑު ފަދަ ތަކެތި އެމްއޭސީއެލް އިން ވަނީ ފޯރުކޮށްދީފަ އެވެ.

އެއާޕޯޓުގައި ތާށިވި ފަތުރުވެރިން ތިބެން ރޭ ހަމަޖައްސާފައިވަނީ ތިބީ ކުރީގެ ޑޮމެސްޓިކް ޓާމިނަލާއި، ޑޮމެސްޓިކް ޓާމިނަލް ކުރިމަތީގައި ހުންނަ ރެސްޓޯރެންޓުގެ ތިރީގައި ހުންނަ އޭސީ ސަރަހައްދުގަ އެވެ. 

ކުރީގެ ޑޮމެސްޓިކް ޓާމިނަލާއި ލައުންޖް މިހާރުވަނީ ތާށިވާ ފަތުރުވެރިން ތިބޭނެތަނެއްގެ ގޮތުގައި ހަމަޖައްސައިފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0