ގޮންޖެހުންތަކުން އަރައިގަތުމަށް ސަރުކާރާއި ފަތުރުވެރިކަމުގެ ސިނާއަތުގެ ހިއްސާދާރުން ގުޅިގެން މަސައްކަތް ކުރުން މުހިންމު: މަޓާޓޯ
މެދުއިރުމަތީގެ މަސްރަހު ނުތަނަވަސްވެ، ބައިނަލްއަގްވާމީ ދަތުރުފަތުރުގެ ނިޒާމަށް ބުރުއެރުމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވެދާނެ ގޮންޖެހުންތަކުން އަރައިގަތުމަށް ސަރުކާރާއި ސިނާއަތުގެ ހިއްސާދާރުން ގުޅިގެން މަސައްކަތް ކުރުން މުހިންމު ކަމަށް މޯލްޑިވްސް އެސޯސިއޭޝަން ފޯ ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން ބުނެފިއެވެ.
މެދުއިރުމަތީގެ ގައުމުތަކުގެ ވައިގެ ސަރަހައްދު ބަންދުވުމާ ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކާއި ރާއްޖެއާ ގުޅުވައިދޭ ފްލައިޓް އޮޕަރޭޝަންތަކަށް ވަނީ ބޮޑެތި ބުރުއެރުންތަކެއް ކުރިމަތިވެފައެވެ. މިކަމާ ގުޅިގެން މަޓާޓޯއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސަރަހައްދީ ހަމަނުޖެހުންތަކުގެ ސަބަބުން ފްލައިޓްތައް ކެންސަލްވެ، އޮޕަރޭޝަނަލް ގޮންޖެހުންތަކާ ކުރިމަތިވަމުންދިއުމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ވަރަށް ބޮޑަށް ބަރޯސާވެފައިވާ ދަތުރުފަތުރުގެ ނިޒާމަށް ލިބުނު ބޮޑު ލޮޅުމެއްކަން އެ ޖަމިއްޔާއިން ފާހަގަކުރެއެވެ.
މަޓާޓޯއިން ބުނި ގޮތުގައި، މި ހާލަތުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ކުރާނެ ނޭދެވޭ އަސަރުތަކަކީ ކަންބޮޑުވާންޖެހޭ ކަމެކެވެ. ނަމަވެސް، މި ނާޒުކު ދަނޑިވަޅުގައި ސަރުކާރާއި ފަތުރުވެރިކަމުގެ ދާއިރާގެ އެންމެހާ ހިއްސާދާރުންނާއެކު ގުޅިގެން މަސައްކަތް ކުރުމަށް މަޓާޓޯ އޮތީ ތައްޔާރަށެވެ. އިސްވެ އެކުގައި ކުރެވޭ މަސައްކަތްތަކުގެ ސަބަބުން، ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖޭގެ ފަތުރުވެރިކަމަށް އޮތް އިތުބާރު ހިފެހެއްޓޭނެ ކަމުގެ ޔަގީންކަން އެ ޖަމިއްޔާއިން ދެއެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީހަށް ބަލާއިރު، ދުނިޔެއަށް ކުރިމަތިވި މިފަދަ އެކި ގޮންޖެހުންތަކުން ކާމިޔާބުކަމާއެކު އަރައިގަނެފައިވާކަން މަޓާޓޯއިން ހަނދާންކޮށްދިނެވެ. އެހެންކަމުން، މިހާރު ދިމާވެފައިވާ ހާލަތުން އަރައިގަނެ، ސިނާއަތުގެ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަށްޓަކައި އެންމެން އެކަތިގަނޑަކަށް ވެގެން މަސައްކަތް ކުރުމަށް މަޓާޓޯއިން ވަނީ ގޮވާލާފައެވެ.






ރިއެކްޓް